ފަތުހު ޖަމާއަތުން ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު، ކުންފުނި ބަނގުރޫޓު ވެއްޖެ ކަަމަށް ބުނެ ހައްޖަށް ނުގެން ދިޔަ މައްސަލާގައި ހައްޔަރުކޮށްފައިވާ އެ ޖަމާއަތުގެ ވެރިޔާ މުހައްމަދު މުސްތަފާ ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަތުހު ޖަމާއަތުގެ ވެރިއާ ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމުމަށް ރޭ ކޯޓަށް ގެންދިއުމުން، އޭނާގެ ސިއްހީ ހާލަތު ހުރި ގޮތަށް ބަަލައިފައި ބަންދުގައި ބެހެއްޓެން ނެތް ކަމަށް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

ފަތުހު ޖަމާއަތުގެ ވެރިޔާ މިއަދު ކޯޓަށް ހާޒިރުކުރީ ބަލިވެގެން އޭޑީކޭ ހޮސްޕިޓަލްގައި މި މަހުގެ އެއް ވަނަ ދުވަހު އެޑްމިޓް ކުރުމަށް ފަހު، ގެއަށް ބަދަލުކޮށްފައި ހުރުމަށް ފަހު އެވެ. އޭނާ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ފުލުހުންނެވެ.

ފަތުހު ޖަމާއަތުގެ ވެރިޔާ ހައްޔަރުކޮށްފައި ވަނީ އިސްލާމިކް މިނިސްްޓްރީން ކޯޓާ ދޫކުރި ވަރަށް ވުރެ އިތުރަށް 126 މީހެއްގެ އަތުން ފައިސާ ނެގި މައްސަލައެއްގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ޖަހައިދީފައިވެ އެވެ.

މުސްތަފާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެއާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕްގެ އޮފީސް ބަލައި ފާސްކުރުމަށް ފަހު މި ދިޔަ މަހުގެ 12 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ. އެ މައްސަލައާ ގުޅިގެން އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުން ހައްޖަށާއި އުމްރާއަށް މީހުން ގެންދިއުމަށް ސަރުކާރުން ދޫކޮށްފައިވާ ހުއްދަ ވެސް ވަނީ ބާތިލްކޮށްފަ އެވެ.

ފަތުހު ޖަމާއަތުން ފައިސާ ނެގި މީހުންގެ ތެރެއިން ހައްޖަށް ދިއުމަށް ވިސާ ޖައްސާފައިވާ އެ ޖަމާއަތުގެ 118 މީހަކު ސަރުކާރުގެ ހަރަދުގައި މިއަހަރު ވަނީ ހައްޖަށް ގެންގޮސްފަ އެވެ.