18 Oct 2014, 11:17
ޗުއްޓީ ހޭދަކޮށްލަން އިނގިރޭސިވިލާތައް ގޮސްއުޅުނު އެމެރިކާގެ ޓޫރިސްޓެއް ބުކްޝޮޕެއްގައި ބަންދުވުމުން ޓުވިޓާގެ އެހީގައި ސަލާމަތްވެއްޖެއެވެ.
ބީބީސީ އިން އިއްޔެ ބުނި ގޮތުގައި އެމެރިކާގެ ޓޫރިސްޓެއް ކަމަށްވާ ޑޭވިޑް ވިލިސް ބަންދުވެފައި ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު "ޓްރަފަލްގަރް ސްކުއެއާ" ކައިރީގައި ހުންނަ ވޯޓާސްޓޯންސް ބުކްޝޮޕްގައި ކަމަށެވެ. ޑޭވިޑް ވިލިސް ބީބީސީ އަށް ކިޔައިދިން ގޮތުގައި އޭނާ އެ ބުކްޝޮޕްގެ އެއްވަނަ ބުރިއަށް އަރައި 15 މިނެޓް ވަންދެން ފޮތްތައް ބަލާލަން ހުރުމަށް ފަހު އެތަނުން ނިކުންނަށް ތިރިއަށް ފޭބި އިރު އެ ބުކްޝޮޕުގެ ހުރިހާ ބޮކި ތަކެއް ވަނީ ނިވާލާފަ އެވެ. އަދި ދޮރުތައް ވެސް ހުރީ ތަޅުލާފަ އެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު "ޓްރަފަލްގަރް ސްކުއެއާ" ކައިރީގައި ހުންނަ ވޯޓާސްޓޯންސް ބުކްޝޮޕް--- ފޮޓޯ: ބީބީސީ
ބުކްޝޮޕްގައި ދެގަޑި އިރު ތަޅުލެވިފައި ހުރުމަށް ފަހު އެ ބުކްޝޮޕްގެ މީހަކު ނައުމުން ޑޭވިޑް ވިލިސް ޓުވިޓާގައި އެހީއަށް އެދުނީ ކަމަށް ބީބީސީ އިން ބުންޏެވެ. އަދި އެ ޓުވީޓު ފެނުނު މީހަކު ވަނީ ފުލުންނަށް ގުޅައި ޑޭވިޑް ސަލާމަތްކޮށްފައިކަމަށް ވެސް އެ ނޫހުގައިވެ އެވެ.
"ވޯޓާސްޓޯންސް، ތިމީހުންގެ ޓްރަފަލްގަރް ސްކުއެއާ ކައިރީގައި ހުންނަ ބުކްސްޓޯރުގައި ތަޅުލެވިފައި ހުންނަތާ ދެ ގަޑި އިރު ވެއްޖެ. އަހަރެން ނެރެދީ." ޑޭވިޑް ވިލިސް އޭނާގެ ޓްވިޓާ އެކަންޓުގައި ލިޔެފައިވެ އެވެ.

ޑޭވިޑް ވިލިސް ކޮށްފައިވާ ޓްވީޓް---- ފޮޓޯ: ބީބީސީ
ބޮކްޝޮޕް ތެރެއިން ޑޭވިޑް ސަލާމަތް ކުރަން ދިޔަ ފުލުހުންގެ ސްޕޯކްސްޕާސަން ބީބީސީ އަށް ބުނި ގޮތުގައި މީހަކު ބުކްޝޮޕެއްގެ ތެރޭގައި ބަންދުވެފައި ހުރިކަން ފުލުހުންނަށް އެނގުނީ އެރޭ 21:35ގައި ކަމަށެވެ. އަދި އޭނާ ސަލާމަތްވީ އެ ބުކްޝޮޕްގެ ތަޅުދަނޑި ހިފައިގެން މީހަކު އައުމުން އެރޭގެ 11 ޖަހާކަން ހާއިރު ކަމަށެވެ.
ޑޭވިޑް ވިލިސް އެހީއަށް އެދި ކުރި ޓްވީޓު ވަނީ 1200 އަށް ވުރެ ގިނަ މީހުން ރީޓްވީޓްކޮށް އެއަށް ހެއްވާލާ ކަހަލަ ޖަވާބުވެސް ދީފައި ކަމަށް ބީބީސީގައި ބުނެފައިވެ އެވެ. އޭގެތެރެއިން އެކަކު ދިން ޖަވާބެއްގައި ޑޭވިޑް ވިލިސް އެބުކްޝޮޕުން ފޮތެއް ނަގައިގެން ބީންބޭގެއްގައި ޖައްސާލައިގެން ނިދާލުމަކީ ވެސް ރަނގަޅުކަމެއް ކަމަށް ބުނެފައިވެ އެވެ. ޑޭވިޑް ވިލިސް ސަލާމަތްވުމުން އޭނާ "އަހަރެން ސަލާމަތްވީ" އޭ ބުނެ އިތުރު ޓްވީޓެއް ކޮށްފައިވާ ކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ.

ޑޭވިޑް ކުރި ޓްވީޓަށް މީހަކު ޖަވާބުދީ ކުރި ޓްވީޓެއް--- ފޮޓޯ: ބީބީސީ
އޭގެ އިތުރުން ޑޭވިޑް ވަނީ އޭނާ ވޯޓާސްޓޯންސްގެ ޝަޓަރުތައް ފަހަތުގައި ތަޅުލެވިފައި ހުއްޓާ ފޮޓޯއެއް ނަގާ އިންސްޓާގްރާމް ވެސް ކޮށްފައި ކަމަށްވެސް އެނޫހުގައިވެ އެވެ. އަދި އެފޮޓޯގެ ތިރީގައި އޭނާ ލިޔެފައިވަނީ "މިއީ އަހަރެން ވޯޓާސްޓޯންސް ބުކްޝޮޕް ތެރޭ ތަޅުލެވިފައި ހުއްޓާ" މިހެންނެވެ.
ޑޭވިޑް ވިލިސް ބަންދުވެފައި ހުރި ބުކްޝޮޕްގެ މެނޭޖަރު، އެޓްކިންސް ވަނީ ޑޭވިޑް ބުކްޝޮޕްތެރޭ ބަންދުވާންޖެހުނު ސަބަބެއް ބަލާނެ ކަމަށާއި އެކަމާ ދޭތެރޭ ފިޔަވަޅު ވެސް އަޅާނެކަމަށް ބުނެފަ އެވެ.
"މިއީ އަހަރުމެން ދުވަހަކު ވެސް ވާން ބޭނުންވާ ކަހަލަ ކަމެއް ނޫން. އަހަރެން މިކަން ބަލައި، ފިޔަވަޅު އަޅާނަން... އެކަމަކު ރޭގަނޑު ހަތަރުދަމު ތަޅުލެވިފައި ހުންނަން ބުކްޝޮޕަކަށް ވުރެ ރަނގަޅުނޫން ތަންތަން ވެސް ހުންނާނެ" ވޯޓާސްޓޯންސް ބުކްޝޮޕްގެ މެނޭޖަރު އެޓްކިންސް މަޖާކޮށްލަމުން ބީބީސީ އަށް ބުނެފައިވެ އެވެ.