18 Oct 2014, 10:25
ޕްރީ ސްކޫލު އުމުރުފުރާ ދަރިވަރުންގެ ހުނަރު ދައްކާލުމަށާއި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި ހާއްސަ ފުޓްބޯޅަ މުބާރާތެއް ފަށައިފި އެވެ.
ސޮކާ ވެޓެރެންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްވީއޭއެމް) އާއި މައިލޯ އާ ގުޅިގެން "މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ"ގެ ނަމުގައި ހެންވޭރު ދަނޑުގައި އެ މުބާރާތަކީ އިއްޔެ ފައްޓަވައި ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްދާ އެ މުބާރާތުގައި ޖުމްލަ 24 ސްކޫލަކުން 384 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އެއީ، ގްރޭޑް އެކެއްގެ ދަރިވަރުންގެ ކެޓަގަރީން 10 ސްކޫލަކާއި ޕްރީ ސްކޫލު ދަރިވަރުންގެ ކެޓަގަރީން 14 ސްކޫލެކެވެ.
ދެ ކެޓަގަރީ އިން ޗެމްޕިއަންކަން ހޯދާ ސްކޫލަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 10000 ރުފިޔާ އެވެ.
މީގެ އިތުރުން ޗެމްޕިއަންކަން ހޯދާ ސްކޫލުގެ ކޮންމެ ކުއްޖަކަށް ނޮލެޖް ބުކްޝޮޕުން ފައިސާގެ ޗައުޗަރެއް ހުށަހަޅާފައިވާއިރު، ކޮންމެ ކެޓަގަރީއަކުން ހޮވާ އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުއްޖަކަށް އެސްޓާސް އިންވެސް ވަނީ ފައިސާގެ ވައުޗަރެއް ހުށަހަޅާފަ އެވެ.
ޕްރީސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގެ ފައިނަލު މާދަމާ އޮންނާނެ އެވެ.