މިނިވަންކަމާ އެކު މަސައްކަތް ކުރާނެ ރައްކާތެރި މާހައުލެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހޯދައިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން ބުނެފި އެވެ.

ޔޫއެންގެ ހައިކޮމިޝަނަރް ފޯ ހިއުމަން ރައިޓްސްގެ ތަރުޖަމާނު ރަވީނާ ޝަމްދާސަނީ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެޗްއާރްސީއެމްގެ ފަސް މެމްބަރުންނާ ދެކޮޅަށް ސުޕްރީމްކޯޓުން އިސްނަގައިގެން ހިންގާ ސުއޯމޮޓޫ މައްސަލައާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ބުނެފައި ވަނީ ޔޫއެންގެ ހިއުމަން ރައިޓްސް މެކޭނިޒަމްތަކާ އެކު މަސައްކަތް ކުރުމަށް ޓަކައި ކޮމިޝަނަށާއި ސިވިލް ސޮސައިޓީ ސެކްޓަރަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

"... 2011 ވަނަ އަހަރު ، ދިވެހިރާއްޖޭގެ ފުރަތަމަ ޔޫޕީއާރް އަށް ދިން އެއްބާރުލުމާ އެއްގޮތަށް ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ މިނިވަންކަން ދިފާއުކުރުމަށް އަޅުގަނޑުމެން ސަރުކާރަށް ގޮވައިލަމެވެ. ކުރާ މަސައްކަތެއްގެ ސަބަބުން ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ނެތި، ޔޫއެން ހިއުމަން ރައިޓްސް މެކޭނިޒަމްތަކާ ގުޅިގެން މަސައްކަތްކުރުމަށް ޓަކައި ކޮމިޝަނާއި ސިވިލް ސޮސައިޓީ ސެކްޓަރަށް މަސައްކަތް ކުރެވޭނެ ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުމުގައި ސަރުކާރުގެ ޒިންމާއެއްވެ އެވެ،" ރަވީނާ ނެރުއްވި ބަޔާނުގައިވެ އެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރް) ރިޕޯޓާ ގުޅިގެން އެޗްއާރްސީއެމްއާ ދެކޮޅަށް ސުޕްރީމް ކޯޓުން ކުރިއަށް ގެންދާ ސުއޯމޮޓޫ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ އެ ބަޔާނުގައި ބުނެފައި ވަނީ އެމައްސަލައިގައި ޔޫއެން ހައިކޮމިޝަނަރް ފޯ ހިއުމަން ރައިޓްސް ޒައިދު ރައަދު އަލް ހުސައިން ދިވެހި ސަރުކާރަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.