ސޯލް (އޮކްޓޯބަރ 18) : ދެކުނުކޮރެޔާގައި ހަފްލާތައް ބާއްވާ ބޮޑު އިމާރާތެއްގެ ބައެއް ވެއްޓުމުގެ ސަބަބުން 16 މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމް ވެއްޖެ އެވެ.

މިހާދިސާ ހިނގީ މިޔުޒިކާ ބެހޭ ހަފްލާއެއް ބެލުމަށް 700 އަށް ވުރެ ގިނަ މީހުން އެތަނުގައި ތިއްބައި ކަމަށާއި ވެއްޓުނީ އެ އިމަރާތަށް ވަންނަ އެންޓްރަންސްގެ ބައެއް ކަމަށް އެގައުމުގެ ޔުންހާބު ނޫސްއެޖެންސީ ބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއިމާރާތުގެ ވެއްޓުނުބައާއެކު އެތައް ބަޔަކު ވަނީ 20 މީޓަރު އަޑީގައިވާ ކާރު ގަރާޖެއްގެ ތެރެއަށް ވެއްޓިގެން ގޮސްފަ އެވެ. ވެއްޓުނު މީހުން ސަލާމަތް ކުރުމަށް ޓަކައި މަދަނީ ދިފާޢީ ބާރުތަކުގެ މީހުން ވަނީ އެއިމާރާތުގެ ތެރެއަށް ވަދެފަ އެވެ.

މިޙާދިސާއާ ގުޅިގެން ވަނީ ދެކުުނު ކޮރެޔާގެ ބޮޑެތި އިމާރާތްތަކުގެ ފެންވަރާއި އިމާރާތްތަކުގެ ސަލާމަތީ ކަންކަން އިންތިޒާމްކޮށްފައިވާ ގޮތްތަކާ މެދު ސުވާލު އުފެދިފައި ކަަމަށް ސޯލްގައި ހުންނަވާ ބީބީސީގެ ރިޕޯޓަރު ބުނެ އެވެ.

އިގްތިސާދީ ގޮތުން ބާރު ދުވެއްޔެއްގައި ކުރިޔަށްދާ ދެކުނު ކޮރެޔާގެ އިގްތިސާދީ ކުރިއެރުމާ އެއްވަރަށް އެގައުމުގެ ސަލާމަތާ ބެހޭ ކަންތައްތައް ތަރައްގީވެފައިނުވާ ކަމުގެ އިންޒާރު އެގައުމުގެ ބައެއް ފަރާާތްތަކުން ކުރީގައި ދީފައިވެ އެވެ. ދެކުނު ކޮރެޔާގެ ބޮޑު ފެރީއެއް މީގެ ހަތްމަސް ކުރިން ބަންޑުން ޖަހާލުމުގެ ސަބަބުން 300 މީހުން ގެބިގެން މަރުވެފައިވެ އެވެ. (ބީބީސީ)