24 Jan 2011, 12:56
ދައުލަތުގެ މުވައްޒަފުންނަށް ލިބިދޭން ޖެހޭ އެކްރޫޑް ޕެންޝަން ހައްގުވާ ކަމުގެ ލިޔުން ނަގައި މައުލޫމާތު ސައްހަތޯ އަންނަ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުރިހާ ފަރާތްތަކަކުން ވެސް ބެލުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިލްތިމާސްކޮށްފި އެވެ.
ސަން އާ ވާހަކަ ދައްކަވަމުން ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުގެ ޑިރެކްޓާ ޖެނެރަލް އިސްމާއިލް ސުޖާއު މިއަދު ވިދާޅުވީ އެކްރޫވްޓް ޕެންޝަން ލިބޭކަމުގެ ލިޔުން މިހާރު މާލޭގެ އިތުރުން ރަށު އޮފީސްތަކުން ވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި އެލިޔުން ވީ އެންމެ އަވަހަކަށް ނަގައި އޭގައި ހުރި މައުލޫމާތުތައް ސައްހަތޯ ކަށަވަރު ކުރުމަށާއި 15 ފެބުރުއަރީގެ ފަހުން އެފުރުސަތު ދެވެން ނޯންނާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.
"އެބޭފުޅުން މައުލޫމާތުތައް ސައްހަތޯ ނުބައްލަވަންޏާ އަޅުގަނޑުމެން ޖެހޭނީ އަޅުގަނޑުމެން އަތުގައި ހުރި މައުލޫމާތުތަކަށް ބަލައިގެން ޕެންޝަން ކަލްކިއުލޭޓް ކުރަން. އޭރުން އެއީ އެންމެ އިންސާފުވެރި ގޮތެއް ނޫން،" ސުޖާއުވިދާޅުވި އެވެ.
އެކްރޫޑް ޕެންޝަން ރައިޓްސް ލިބޭކަމުގެ ލިޔުމަކީ ދައުލަތުގެ މުއައްސަސާތަކުގައި 13 މެއި 2009 ގައި ވަޒީފާގައި ތިއްބެވި އަދި މިތާރީހަށް އުމުރުން 65 އަހަރު ފުރިފައިނުވާ ކޮންމެ މުވައްޒިފަކަށް ލިބިދެން ޖެހޭ އެކްރޫޑް ޕެންޝަން ރައިޓްސް އަށްވާ ފައިސާގެ ތަފްސީލްތައް ދައްކުވައިދޭ ލިޔުމެކެވެ.
އެކްރޫޑް ޕެންޝަން ހައްގަކީ ޕެންޝަނާ ބެހޭ ގާނޫނު ތަސްދީގުވިއިރު ދައުލަތުގެ ވަޒީފާގައި ތިބި މުވައްޒަފުން ދައުލަތަށް ހިދުމަތް ކުރައްވާފައިވާ މުއްދަތުގެ އަގު ވަޒަންކޮށް އަދި، ޕެންޝަންގެ އުއްމީދުގައި ދެމިތިބި މުވައްޒަފުންގެ ޕެންޝަން ހައްގު ފުރިހަމަޔަށް ހިމާޔަތް ކުރުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން ދޭ ޕެންޝަނެކެވެ. އެ ގޮތުން އެކްރޫޑް ޕެންޝަން ރައިޓްސް ލިބޭނީ 13 މެއި 2009 ވަނަ ދުވަހު ދައުލަތުގެ ވަޒީފާގައި ތިބި، އެތާރީހަށް އުމުރުން 65 އަހަރު ފުރިފައިނުވާ އެންމެހާ މުވައްޒަފުންނަށް 30 އެޕްރީލް 2010 އާ ހަމައަށް ނުވަތަ އޭގެކުރިން ދައުލަތަށް ހިދުމަތް ކޮށްފައިވާ މުއްދަތަށެވެ.