އަބޫޖާ (އޮކްޓޯބަރ 18) : ނައިޖީރިއާގައި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޫކޫ ހަރާމް ޖަމާއަތާއެކު ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދިވެއްޖެ ކަމަށް އެގައުމުން ބުނެފި އެވެ.

ނައިޖީރިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް އެލެކްސް ބާޑަން ވިދާޅުވީ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމުގެ އިތުރުން މިދިޔަ އެޕްރީލް މަހު ވަގަށް ނަގާފައިވާ 200 އެއްހާ އަންހެން ކުދިން މިނިވަން ކުރުމަށް ވެސް ބޫކޫ ހަރާމް ޖަމާއަތުން އެއްބަސްވެފައިވާ ކަމުގަ އެވެ. ނައިޖީރިއާގެ ރިޔާސީ ތަރުޖަމާނެއް ކަމަށްވާ ހަސަން ތާކުރު ވިދާޅުވީ ބޫކޫ ހަރާމް ޖަމާއަތާއެކު އެއްބަސްވުމަކަށް އާދެވުނީ ދިގު މަޝްވަރާތަކަށް ފަހުގައި ކަމުގަ އެވެ. ދެފަރާތުގެ ދެމެދުގައި ދެއްކި ސުލްހައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފައި ވަނީ އަވަށްޓެރި ޗާޑުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ވާހަކަތައް ކުރިޔަށް ގެންދިޔަ ތަނެއް ތާކުރު ހާމަކުރައްވާފައެއް ނުވެ އެވެ. އޭނާ ވިދާޅުވީ ވަގަށް ނަގާފައިވާ އަންހެން ކުދިން އަދިވެސް ތިބީ ބޫކޫ ހަރާމު ޖަމާއަތުގެ ބެލުމުގެ ދަށުގައި ކަމަށާއި އެކުދިން ވަރަށް އަވަހަށް މިނިވަން ކޮށްދޭނެ ކަމުގެ ޔަގީންކަން އެޖަމާއަތުން ދީފައިވާ ކަމުގަ އެވެ.

މާތްވެގެންވާ އިސްލާމް ދީނަށްޓަކައި ކަމަށްބުނެ ބޫކޫ ހަރާމް ޖަމާއަތުން ހިންގަމުން ގެންދަނީ އެދީނުގައި ނަހީކުރައްވާފައިވާ އަނިޔާވެރި އަދި އިންސާނިއްޔަތާ ޚިލާފު އަމަލުތަކެވެ. މީގެ ތެރޭގައި މީހުން މެރުމާއި މީހުން ވަގަށް ނެގުމާއި ބިރުދެއްކުމާއި މަގުފޭރުމާއި ވައްކަންކުރުމާއި އިންސާނުން އަޅުވެތިކުރުން ފަދަ އަނިޔާވެރި އެތަށް ޖަރީމާތަކެއް ހިމެނެ އެވެ. ބޫކޫ ހަރާމް ޖަމާއަތުން ވަނީ ފާއިތުވި ފަސް އަހަރު ތެރޭގައި ދެހާހަށް ވުރެ ގިނަ މީހުން ނައިޖީރިޔާގައި މަރާލާފަ އެވެ. ބޫކޫ ހަރާމް ޖަމާއަތުގެ މަގްސަދަކީ ހުޅަނގުގެ ތައްލީމް މަނާކުރުން ކަމަށް އެޖަމާއަތުން ބުނެ އެވެ. (ނޫސްއެޖެންސީތައް)