މާފުށީ ޖަލުގެ ތޭރިތައް ކީހާލައިގެން މިރޭގެ ވަގުތެއްގައި ފިލި ދެ ގައިދީން ކަމަށްވާ ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް،23، އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު، 26، ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ، އެ ދެގައިދީންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރެއްވުމަށް އެދޭކަމަށެވެ.

އެ ދެ މީހުން މާފުށީ ޖަލުން ފިލާފައިވާކަމުގެ މައުލޫމާތު މިރޭ 8:15 ހާއިރު ޕޮލިސް އިންޓަލިޖެންސަށް ލިބުމާ ގުޅިގެން އެ ދެމީހުން ޖަލުގައި ތިބިތޯ ބެލުމުގެ މަސައްކަތް މިރޭ 20:30 ހާއިރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ފުލުހުން ވަނީ ކޮށްފައެވެ. އަދި އެ ދެމީހުން ފިލާފައި ވާތީ ހޯދައި ދިނުމަށް އެދި މިރޭގެ ވަގުތެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައެވެ.

ފުލުހުން ބުނީ އެ ދެމީހުން ޖަލުން ފިލާފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.