މާލެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ޗާނދަނީމަގުގައި ހުންނަ އަރަބިއްޔާ ސްކޫލަށް ފެންވަދެ ގެއްލުންތަކެއް ލިބިއްޖެ އެވެ.

އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޑރ. އަހްމަދު ޒިޔާދު ބާރިގުރު މިރޭ 'ސަން' އަށް ވިދާޅުވީ އެ ސްކޫލްގެ އެންމެ މަތީ ބުރީގައި ހުންނަ ސްޓާފްރޫމް ތެރޭގައި ފެންބޮޑުވެ ކޮމްޕިއުޓަރުތަކަށް ވެސް ފެނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި ސްޓާފްރޫމާއި ލީޑިންގް ޓީޗަރުންގެ ރޫމްގެ އިތުރުން ސައި ކޮޓަރީގެ ސީލިންގްގެ ބައެއް ވެއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސްޓާފްރޯމް ތެރެއަށް ފެންވަދެ ޓީޗަރުން ގެންގުޅުއްވާ ކޮމްޕިއުޓަރުތަކަށް ފެންވަނުމާއި ސްޓާފް ރޫމުގެ ސީލިންގް އިން ބައެއް ކަނޑައިގެން ދިޔުމާއި. އޭގެ އިތުރުން ލީޑިންގް ޓީޗަރުންގެ ރޫމް ވެސް ކޮންމެވެސް ވަރަކަށް ހަލާކުވެފައި ވަނީ ހަމައެގޮތަށް. އެއާއެކު ސްޓާފުންގެ ސައި ކޮޓަރީގެ ސީލިންގް ވެސް ވަނީ ކަނޑައިގެން ގޮސްފައި. ކިރިޔަ ކިރިޔާ ސީލިންގް އެ އިންނަނީ،" ޑރ. ޒިޔާދު ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލްގެ ސްޓާފް ރޫމްގެ ސީލިންގްއިން ބައެއް ވެއްޓިފައި ---- ސަން ފޮޓޯ: ފަޔާޒު މޫސާ
އޭނާ ވިދާޅުވީ ކޮމްޕިއުޓަރުތަކަށް ފެންވަދެ ސީލިންގްގެ ބައެއް ވެއްޓުމާ ގުޅިގެން ސްޓާފްރޫމް މިހާރު ހުރީ ބޭނުންކުރެވޭ ހާލަތެއްގައި ނޫން ކަމަށެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ވަޑައިގެން ފެންވަދެފައިވާ ތަންތަން ބައްލަވައިލެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އާދީއްތަ ދުވަހު ސްކޫލް ހުޅުވޭއިރަށް ގެއްލުންވެފައިވާ ތަންތަން މަރާމާތު ކުރުމަށް ނައިބު ރައީސާއި އެޑިއުކޭޝަން މިނިސްޓަރު އަންގަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލްގެ ސްޓާފް ރޫމްގެ ސީލިންގްއިން ބައެއް ވެއްޓިފައި ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ވިއްސާރައިގެ ސަބަބުން އެ ސްކޫލްގެ ސައުންޑު ރޫމާއި ހޯލާއި ޓެރެސްގައި ވެސް ފެންބޮޑުވިއެ އެވެ. ޑރ. ޒިޔާދު ވިދާޅުވީ ފެންހިއްކުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން މިއަދު ހަރަކާތްތެރިވި ކަމަށެވެ.