17 Oct 2014, 19:58
ސީރިއާގެ ވެރިރަށް ދިމިޝްގު ކައިރީގައި ހަނގުރާމަކުރާމަވެރިންގެ ބާރުގެ ދަށުގައިވާ އަވަށެއް ކަމަށްވާ ދޫމާއަށް ހުކުރު ދުވަހު އެގައުމުގެ ވައިގެން ސިފައިންދިން ހަމަލާތަކެއްގައި 15 މީހުން މަރުވެއްޖެ އެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަންރައިޓްސް އިން ބުނީ އެ ހަމަލާތަކުގައި މަރުވި 15 މީހުންގެ ތެރޭގައި ކުޑަ ތިން ކުދީން ވެސް ހިމެނޭ ކަމަށެވެ.
"ސީރިއާގެ ވައިގެ ސިފައިން ދޫމާގެ އަވަށްތަކުގެ މަތީން އުދުހުމަށްފަހު ވައިގެ މަގުން ދިން އަށްވަރަކަށް ހަމަލާގައި، އާންމުންގެ 15 މީހުން ވަނީ މަރުވެފައި. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ތިން ކުދީން ވެސް ހިމެނޭ،" ދިމިޝްގުގެ އިރުއުތުރުން 13 ކިލޯމީޓަރު ދުރުގައިވާ ދޫމާއަށް ދިން ވައިގެ ހަމަލާތަކާ ގުޅޭ ގޮތުން މައުލޫމާތު ދެމުން މޮނިޓަރިން ގްރޫޕުން ބުންޏެވެ.
ދިމިޝްގުގެ އިރުމަތީ ރަށެއް ކަމަށްވާ ޖިސްރިންއާއި ސަގްބާ ކައިރީގައިވާ ދެ އަވަކަށް ސީރިއާގެ ވައިގެ ސިފައިން ބުރާސްފަތި ދުވަހު ދިން ހަމަލާތަކެއްގައި ވެސް އާންމުންގެ 20 މީހުން މަރާލާފައިވާ ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ. އޭގެ ތެރޭގައި ކުޑަ ދެކުދީންނާއި ދެ އަންހެނުން ހިމެނޭ ކަމަށްވެ އެވެ.
ގާތްގަނޑަކަށް 200،000 މީހުންގެ އާބާދީއެއް އޮންނަ ދޫމާއަށް ސީރިއާ ސިފައިން ހަމަލާދޭން ފަށާފައިވާއިރު، ސީރިއާ ސިފައިން ވަނީ، މުލެއިހާއާއި އަދްރާ ފަދަ އަވަށްތައް ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި ދިމިޝްގުގެ އިރުމަތީ ޓައުންތައް ކަމަށްވާ ޖޯބަރާއި އައިނުލް ތަރްމާ ކޮންޓްރޯލް ކުރުމަށް ވެސް ސިފައިން މިހާރު މިސްރާބު ޖަހާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.