17 Oct 2014, 19:03
ރޭ މާލެ އަށް ބޯކޮށް ވެހުނު ވާރޭގައި ދެ ލޯންޗެއް ފެތިއްޖެ އެވެ.
މާލޭ ޓީޖެޓީ ސަރަހްދުން ހުރަސް ތޮށިގަނޑު ކައިރީ ފައްތިޔަލުގައި އޮއްވައި އަޑިއަށް ދިޔައީ ސީރިއަސް ކުންފުނީގެ ލޯންޗަކާއި އިނަމޯލްޑިވްސްގެ ލޯންޗެކެވެ.
ސީރިއަސް ކުންފުނީގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ ޓީ ޖެޓީގެ ހުރަސް ތޮށިގަނޑުގައި އަޅާފައި އޮތް އެ ކުންފުނީގެ "ހޭފާމު" ލޯންޗު ފެތުނީ ދިޔަހިއްކަން ބޭނުން ކުރާ އޮޓަމެޓިކް ދެ ޕަޕަމްގެ ބެޓެރީ ހަލާކުވެގެން ކަމަށާއި ލޯންޗު އަޑިއަށް ދިއުމުން ގާތްގަނޑަކަށް 600،000 ވަރަކަށް ރުފިޔާ ގެއްލުން ވާނެ ކަމަށް ލަފާ ކުރާ ކަމަށެވެ.
"ލޯންޗު ފެނުން މައްޗަށް ނަގައިފިން މިއަދު، އެކަމަކު ހުކުރު ދުވަސްވުމުން އިންޖީނު ރީކަބަނައިޒު ނުކެރެވި، 115 ހޯސްޕަވަރުގެ ދެ އިންޖީނު ހަލާކުވާނެ ކަމަށް ބެލެވެނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދެ އިންޖީނަކީ އަދި މުޅިއެެކު 83 ގަޑިއިރު ދުއްވާފައިވާ ދެ އިންޖީނު ކަމަށާއި އެއީ ހަމަ ގާތްގަނޑަކަށް ބްރޭޑް ނިއު ދެ އިންޖީނު ކަމަށެވެ.

އިނަމޯލްޑިވްސްގެ އޮފިޝަލަކު ވެސް ސަން އަށް ވިދާޅުވީ އެ ކުންފުނީގެ 22 މީހުންގެ ޖާގައިގެ ލޯންޗެއް ވެސް ރޭ ބޯކޮށް ވެހުނު ވާރޭގައި ފެތުނު ކަމަށެވެ. އަދި އިންޖީނު އޯވާހޯލް ކުރުމަށް ގާތްގަނޑަކަށް 80،000 ނޫނީ 100،000 ވަރަކަށް ރުފިޔާ ހަރަދުވާނެ ކަމަށެވެ.