17 Oct 2014, 18:47
ފުޅާ ދާއިރާއެއްގައި ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓް ކުރާ އެންސިސް ކުންފުނިން މަހުގެ އުކާލާ ބައިތައް ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި ގަސްކާނާއެއް އުފައްދައި ތައާރަފްކޮށްފި އެވެ.
ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި "އެންސިސް އީކޯ ސޮއިލް ކޮންޑިޝަނާ" ތައާރަފްކުރުމަށްފަހު، އެންސިސްއިން ވަނީ އެ ގަސްކާނާގެ 3000 ބަސްތާ ދަނޑުވެރިންނަށް ހަދިޔާކޮށްފަ އެވެ.
އަތޮޅުތެރޭގެ ބައެއް ދަނޑުވެރިންނަށާއި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ ކޯޕަރޭޓިވް ސޮސައިޓީތަކަށް ރޭގެ ޖަލްސާގައި ރަމްޒީކޮށް ގަސްކާނާ ހަވާލުކޮށްދެއްވީ، އެންސިސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމެވެ.
އެންސިސް ސޮއިލް ކޮންޑިޝަނާގެ މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު ރިހުވާން ވިދާޅުވީ، މަހުން އުކާލާ ބައިތަކުން ތައްޔާރުކުރާ އެ ގަސްކާނާ އަކީ 100 ޕަސެންޓް 'އޯގޭނިކް ކޮމްޕޯސްޓް' އެެއް ކަމަށެވެ.
އެގޮތުން، އެ ގަސްކާނާގައި ގަސް ހެއްދުމަށް ބޭނުންވާ އަސާސީ މާއްދާތަކުގެ އިތުރުން ގަސްކާނާގައި އެކުލެވިފައިވާ ގިނަ ބާވަތުގެ އެމިނޯ އެސިޑްގެ ސަބަބުން ގަސް ހެއްދުމަށް އަދި މަތިވަރު ރަނގަޅުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންސިސްގެ ސީނިއާ މެނޭޖަރު ހާމިދު އަހުމަދު ވިދާޅުވީ، އެކުންފުނިން އަލަށް ތައާރަފްކުރި ގަސްކާނާ އަންނަ މަހުގެ ތެރޭގައި ބާޒާރަށް ނެރޭނެ ކަމަށެވެ.