ސަރުކާރުގެ ސިޔާސަތުތައް ގަބޫނުކުރާ ކަމުގެ މެސެޖު ސަރުކާރަށް ފޯރުކޮށްދިނުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ޑީއާރްޕީގެ ލީޑާ އަހްމަދު ތަސްމީން އަލީ ގޮވައިލައްވައިފި އެވެ.
~
ކައުންސިލް އިންތިހާބުގައި އއ. ރަސްދޫ އިން ޑީއާރްޕީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމަށް މިދިޔަ ހޮނިހިރު ދުވަހު އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ، ސަރުކާރުން ކަންތައް ކުރަނީ ރަނގަޅަށް ނޫން ކަމުގެ މެސެޖް ސަރުކާރަށް ދޭން ޖޭ ކަމަށެވެ. އަދި އެ މެސެޖު ދޭން އެންމެ ރަނގަޅު ފުރުސަތަކީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބު ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

"މި އިންތިހާބުގައި ދިވެހި ރައްޔިތުންގެ މިއަދުގެ ސަރުކާރަށް ތާއީދުކުރައްވައި ވޯޓު ދީފިއްޔާ އޭގެ މާނައަކީ ތިމަންނަމެންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅޭ، ސަރުކާރުން ކަންތައްތައް މިކުރަނީ ތިމަންނާމެން ގަބޫލުކުރާ އުސޫލުތަކަށޭ ވިދާޅުވެވުނީ. އެހެންނަމަވެސް އިވެމުންދާ އަޑަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ކެނޑިނޭޅި އިވެމުންދާ އަޑަކީ އެއްވެސް ކަމެއް ރަނގަޅެއް ނޫނޭ، ދަތިވަމުންނޭ މިދަނީ، މާޔޫސްވެފަ އޭ މިތިބީ،" ތަސްމީން ވިދާޅުވި އެވެ.

އެހެންކަމުން އެއީ ރައްޔިތުންގެ އިހުސާސްތައް ކަމަށްވަންޏާ އެކަން ސަރުކާރަށް ހާމަކޮށްދޭން ޖެހޭ ކަމަށާއި "އެކަން ހާމަކޮށްދެވޭނެ ގޮތަކީ އަންނަން އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މިއަދުގެ ސަރުކާރަށް ނިސްބަތްވާ އެމްޑީޕީން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ބަދަލުގައި ޑީއާރްޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުން،" ކަމަށް ތަސްމީން ވިދާޅުވި އެވެ.

އަދި ރައްޔިތުން މިއަދު ތިބީ ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ކަމަށާއި އެކަން ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އިން ފެނިގެންދާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.