14:30


ސިފައިންގެ ވެރިޔާގެ ވާދައިގެ ތައްޓަށް ބާއްވާ ސިފައިންގެ 11 ވަނަ ހެވިކަމުގެ މުބާރާތް ރޭ ފަށައިފި އެވެ.


ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި އެރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ސިފައިންގޭގައި 40 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްދެއްވި ބޭފުޅެއްކަމުގައިވާ ކާނަލް ރިޓަޔާޑް އާދަމް އިބްރާހިމް މަނިކެވެ.


ރޭގެ ރަސްމިއްޔާތް ފެށިގެންދިޔައީ ހެވިކަމުގެ މައިދާނަށް ސިފައިންގެ ވެރިޔާގެ ވާދައިގެ ތަށި ގެނައުމާއެކުގަ އެވެ. އެރަސްމިއްޔާތުގައި ހެވިކަމުގެ މުބާރާތުގައި ބައިވެރިވި ނުވަ ގެމައިގެ މައްޗަށް އެކުލެވޭ ލަސްކަރުގެ ޝަރަފުގެ ހިނގާލުން އޮތެވެ. އަދި އަންހެން ސިފައިންގެ ހެވިކަމާއި، ސިފައިންގެ ބޭންޑު ޕާޓީގެ ޑިސްޕްލޭއެއް ދައްކާލާފައިވެ އެވެ.


ސިފައިންގެ ވެރިޔާގެ ވާދައިގެ ތައްޓަށް ބާއްވާ ހެވިކަމުގެ މުބާރާތަކީ އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އެންމެމަތީ ޝަރަފް ދެވިފައިވާ މުބާރާތެވެ. މިމުބާރާތުގައި ސިފައިންގެ އެކި ޔުނިޓްތަކުން ނުވަ ގެމައަކުން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.


އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު މިމުބާރާތް ބަލާލުމުގެ ފުރުޞަތު އާންމުނަށްވެސް ވަނީ ހުޅުވާލާފަ އެވެ.