17 Oct 2014, 16:29
އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން 2-0 ލަނޑުން މޮޅުވެ އެ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ތިން އަހަރަށް ފަހު ކްލަބް ވެލެންސިޔާއިން ކަށަވަރުކޮށްފި އެވެ.
މިއީ 2010 ވަނަ އަހަރަށް ފަހު ވެލެންސިޔާ މި މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެފަހަރުގެ ސެމީ ފައިނަލްގައި ވިކްޓަރީ އަތުން ވެލެންސިޔާ ބަލިވެފައި ވަނީ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ އެއްވަރު ވެފައި އޮތުމުން އިތުރު ވަގުތު ކުޅެގެން ވެސް 2-2 ލަނޑުގެ ނަތީޖާއަށް ބަދަލެއް ނުގެނެވުމުން ޕެނަލްޓީ ޖަހައިގެން 4-1 ލަނޑުން ނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ވެލެންސިޔާއަށް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ ހަތަރު ވަނަ މިނިޓްގައި އަލީ ހަމްދާން އެވެ. ވެލެންސިޔާއަށް ޕެނަލްޓީ ލިބުނީ، އޭވައިއެލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ އަބްދުﷲ ޒުބައިރު، ވެލެންސިޔާގެ އަބްދުﷲ ނިޝާނަށް ފައުލުކޮށް ވައްޓައިލުމާ ގުޅިގެންނެވެ.
ދެވަނަ ހާފްގެ ކުޅުން ފެށިގެން އޭވައިއެލުން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ވެލެންސިޔާގެ ޑިފެންޑަރުންނަށް ޕްރެޝަރު ކުރި ކަމުގައިވީ ނަމަވެސް އެޓީމަށް ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ވަނީ، ބޭކާރުކޮށްލައިފައެވެ.
ތުނިކޮށް ވެހެމުން ދިޔަ ވާރޭގައި ފަހުހާފުގެ ބޮޑުބައެއް ކުޅެފައިވާއިރު، ވެލެންސިޔާއަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ، މުޖުތާޒު މުޙައްމަދު އެވެ. ފަހުވާފުގެ 80 ވަނަ މިނިޓްގައި އޭނާ ލަނޑު ޖަހާފައި ވަނީ، އިސްމާއީލް މަމްދޫހު އޭވައިއެލްގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ވަރަށް ރީތިކޮށް ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.
އެފްއޭ ކަޕްގެ 26 އަހަރު ތެރޭގައި މި މުބާރާތުގެ ފައިނަލްގައި 12 ފަހަރު ވާދަކޮށް ހަތަރު ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ވެލެންސިޔާ، އެންމެ ފަހުން މި މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައި ވަނީ، 2007 ވަނަ އަހަރު ނިއުރޭޑިއަންޓް ސްޕޯޓްސްއާ ދެކޮޅަށެވެ. 2004 ވަނަ އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން 2-0 ލަނޑުން މޮޅުވެ މުބާރާތުގެ ތަށި އުފުލައިލުމަށްފަހު ޖެހިގެން އައި ތިން އަހަރުވެސް ފައިނަލްގައި ނިއުއާ ވާދަކޮށް ވެލެންސިޔާ ވަނީ 2-0 ލަނޑުން ބަލިވެފައެވެ.
އެފްއޭކަޕްގެ ސެމީ ފައިނަލްގައި ވެލެންސިޔާ ވާދަކުރާނީ، މިރޭ ކުޅޭ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.