17 Oct 2014, 15:47
ރެޑްބުލް އިން އިންތިޒާމް ކޮށްގެން ބާއްވާ "ރެޑްބުލް ވިނިން ފައިވް"ގެ މިއަަހަރުގެ މުބާރާތް ފަސް އަތޮޅެއްގައި ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފި އެވެ.
އާންމު ކޮށް ކުޅޭ ފުޓުބޯޅައަށްވުރެ ތަފާޓު ކޮށް ކުޅޭ ރެޑްބުލް ވިނިން ފައިވް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އިރު ކުރީ އަހަރާ ހިލާފަށް މިއަހަރު މި މުބާރާތުގެ ކޮލިފައިން ބުރުތައް ކުރިއަށް ގެންދާނީ އައްޑޫ ސިޓީ އާއި ލ. ގަމާއި ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކުގައެވެ. މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނީ އަތޮޅުތެރޭގައި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ، ވާދަވެރިކަން ބޮޑު ކުރުމުގެ ގޮތުން ކަމަށެވެ.
ރެޑްބުލް ވިނިން ފައިވް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލު ކަން ހޯދާފއިވާ މުބާރާތެކެވެ. މި މުބާރާތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޅެފައިވަނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތް ދެ ދުވަހުން ނިންމާލާފައިވީ ނަމަވެސް މިއަހަރުގެ މުބާރާތް މަހެއްހާ ދުވަހަށް ކުރިއަށް ދާނެއެވެ.
މުބާރާތް ކާމިޔާބު ކުރާ ޓީމަކަށް ރެޑްބުލް ވިނިންގް ފައިވްގެ އުފަން ގައުމު ކަމަށްވާ އޮސްޓްރިއާއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބޭ އިރު މިފަހަރުގެ މުބާރާތުގައި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ބައިވެރި ވެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ރެޑްބުލް ވިނިން ފައިވްގައި ޖުމުލަ 60 ޓީމު މިދިޔަ އަހަރު ވާދަކޮށްފައި ވާއިރު އެ މުބާރާތް ކާމިޔާބު ކޮށްފައިވަނީ ޔޫތު ރިވޮލިއުޝަން ކްލަބުންނެވެ.
އެ މުބާރާތުގެ ކޮލިފައިން ބުރު އައްޑޫ ސިޓީގައި އަންނަ މަހު 15 ގައި ފަށާނެއެވެ. އަދި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކޮލިފައިން ބުރު ކުރިއަށް ދާނެއެވެ. ޑިސެމްބަރު މަހުގެ 13 ގައި ފައިނަލް ކުޅެން ހަމަޖެހިފައިވާއިރު، އެ މެޗު ކުޅޭނީ މާލޭގައެވެ.