ގަތަރު (އޮކްޓޯބަރ 17): މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާ ނައްތާލުގެ ނުރައްކާތެރި ރޭވުމެއް އިސްރާއީލުން ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ވެރިޔާ ޚާލިދް މިޝްޢަލް ވިދާޅުވެއް ޖެވެ.

ގަތަރުގެ ވެރިރަށް ދަވްޙާގައި ދެއްވި ބަޔާނެއްގައި މިޝްޢަލް ވިދާޅުވީ، މަސްޖިދުލް އަގްސާ ނައްތާލުގެ ނުރައްކާތެރި ރޭވުމެއް އިސްރާއީލު ތަންފީޒު ކުރަމުން ގެންދާކަމަށާއި އެ މިސްކިތުގެ ވަށައިގެން ކޮނުމާއި އެ މިސްކިތްހުރި ތަނުގެ އަޑީގައި ޔަހޫދީންގެ ފައްޅިއެއް ވާކަމުގެ ދައުވާ އިސްރާއީލު ކުރަމުން ގެންދަނީ އެ ރޭވުމުގެ ދަށުންކަމުގަ އެވެ.

މަސްޖިދުލް އަގްސާގެ މުގައްދަސް ބިނާއަށް އަމާޒުކޮށް އިސްރާއީލު ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކާ ދެކޮޅަށް އަޑު އުފުލުމަށާއި އެ އަމަލުތަކާމެދު ރުޅިވެރިކަން ފާޅުކުރުމަށް ޚާލިދް މިޝްޢަލް ފަލަސްތީނުގެ ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ގޮވާލެއްވި އެވެ.

މިޝްޢަލް މިހެން ވިދާޅުވެފައި މިވަނީ މަސްޖިދުލް އަގްސާގެ ޙަރަމްފުޅުގެ ތެރެއަށް ހައްދުފަހަނަޅާފައިވާ ޔަހޫދީން ވަނުމުގެ ފުރުސަތު އިސްރާއީލުން ދެމުން ގެންދާ މައްސަލައާ ގުޅިގެން އެކަމާދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ތެދުވަމުންދާ ދަނޑިވަޅެއްގަ އެވެ.

މިޝްޢަލް ވިދާޅުވީ، އިސްރާއީލުގެ އަޅުވެތިކަމުން އެ މިސްކިތް ސަލާމަތް ކުރުމުގެ މަސައްކަތަކީ ހަގީގީ ޖިހާދުކަމަށާ ނަމަވެސް މިއަދު އިސްލާމީ އުންމަތުން ފެންނަމުންދަނީ މުސްލިމުންގެ އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅުމުގައި ޝާމިލްވުމުގެ ސަބަބުން މުސްލިމުންގެ ހަގީގީ ދުޝްމަނުންނާ ކުރިމަތިނުލެވޭ މަންޒަރު ކަމުގަ އެވެ. މިކަމުގެ ސަބަބުން މުސްލިމުންގެ މުގައްދަސް ބިނާތަކަށް ގޯނާކުރުމާއި އެ ބިނާތައް ހަލާކުރުމަށް އަދުއްވުން މަސައްކަތްކުރާއިރު އިސްލާމީ އުންމަތަށް ކުރެވޭކަމެއް ނެތްކަމީ ހިތާމަކުރަންޖެހޭ ކަމެއްކަމަށްވެސް މިޝްއަލް ވިދާޅުވި އެވެ.

މިޝްއަލް ފަލަސްތީނުގެ ރައްޔިތުންނަށް ގޮވާލެއްވީ މަސްޖިދުލްއަގްސާގެ ތެރެއަށް އިސްރާއީލުން ވައްދާ ހަރުކަށި ޔަހޫދީންނާ ކުރިމަތިލައި އެ މިސްކިތުގެ ޙިމާޔަތުގައި މިއަދުގެ ހުރުކު ނަމާދަށްފަހު އަޑުއުފުލުމަށެވެ. އިސްރާއީލުން މަސްޖިދުލް އަގްސާ އަތްދަށުލައި އެ މިސްކިތް ހުންނަ ފަލަސްތީނުގެ އަލްގުދުސް ގަދަބާރުން ހިފައި އެރަށަށް ވެރިވެގެންފައިވަނީ 1967 ގައި އަރަބިންނާ ދެކޮޅަށް ކުރި އުދުވާނީ ހަނގުރާމައިގަ އެވެ. (އަލްޖަޒީރާ)