17 Oct 2014, 14:47
ތެހެރާން (އޮކްޓޯބަރ 17): ބިމުއަޑީގައި އީރާނުން ބިނާކޮށްފައިވާ ނިއުކްލިޔަރ މަރުކަޒުތަކާ ގާތްވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށް އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ވިދާޅުވެއްޖެ އެވެ.
ޚަމަނާއި ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ބިމުއަޑީގައި އީރާނުން ބިނާކޮށްފައިވާ ނިއުކްލިޔާ މަރުކަޒުތަކަކީ އީރާނުގެ ނިއުކްލިޔާ ރަތްރޮނގު ކަމަށާއި އެ ރަތް ރޮނގާ ގާތްވުމުގެ ފުރުސަތު ނުދިނުމުގެ އިތުރުން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ރޮނގުގައި އީރާން ކުރިޔަށްދާ ދިޔުމަށްވެސް ހުރަސްނޭޅޭނެ ކަމުގައެވެ.
އީރާނުގެ ދީނީ މުރްޝިދުގެ ގެ ވެބްސައިޓްގައި މިބަޔާން ޝާއިޢުކޮށްފައި މިވަނީ ނިއުކްލިޔާ މައްސަލާގައި އެ ގައުމާއި ހުޅަނގުގެ ބާރުތަކާދެމެދު ދެކެވެމުންދާ ވާހަކަތަކުގެ އިތުރު ބުރެއް ވިއެނާގައި އިއްޔެ ފެށިފައިވަނިކޮށެވެ. އިއްޔެގެ ވާހަކަތައް ކުރިޔަށް ދިޔައީ އުނދަނގޫ މާޙައުލެއްގައި ކަމަށް މި ވާހަކަތަކުގައި އީރާނުގެ ފަރާތުން ބައިވެރިވި ވަފްދުގެ ވެރިޔާވަނީ ސިފަކުރައްވާފައެވެ.
ޚަމަނާއިގެ ބަޔާނުގައި ވިދާޅުވެފައިވަނީ ހުޅަނގުގެ ބާރުތަކާއި އީރާނާދެމެދު ކުރިޔަށްދާ ނިއުކްލިޔަރ ވަހަކަތަކުގެ ބޭނުމަކަށްވާން ވާނީ ނިއުކްލިޔާ ހައްގުތަކުން އީރާން މަޙްރޫމް ކުރުންނޫން ކަމަށާ ނިއުކްލިޔާ މައްސަލާގައި ދެފަރާތުގެ ދެމެދުގައި އިތުބާރު އުފެއްދުމާއެކު މި މައްސަލައާ ގުޅިގެން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުން ކަމުގައެވެ. ނަމަވެސް ހުޅަނގުގެ ބާރުތައް މަސައްކަތް ކުރަމުން ގެންދަނީ މި މަގްސަދު އޮޅުވާލައި ނިއުކްލިޔާ ހައްގުތަކުން އީރާން މަޙްރޫމްކޮށް ނިއުކްލިޔާ މައްސަލާގައި އީރާން އަޅާފައިވާ ރަތްރޮނގު ހުރަސްކުރުމަށް ކަމަށާ އެހެންކަމުން މިފުރުސަތު ހުޅަނގަށް ނުދޭނެކަމަށް ޚަމަނާއި ގެ ބަޔާން ބުނެއެވެ.
ނިއުކްލިޔާ މައްސަލާގައި ހުޅަނގާއި އީރާނާ ދެމެދު ދެބަސްވުން އުފެދިފައިވާ އެންމެބޮޑު މައްސަލައަކީ ޔޫރޭނިޔަމް ފައްކާކުރުމުގެ މައްސަލައެވެ. ޔޫރޭނިޔަމް ފައްކާކުރުމަށް ދެލައްކަ ސެންޓްރިފިއުޖް މެޝިން ބަހައްޓަން ބޭނުންވާކަމަށް އީރާން ބުނާއިރު ފަސް ހާހަށްވުރެ ގިނަ ސެންޓްރިފިއުޖް މެޝިން މިކަމުގައި އީރާން ބޭނުންކޮށްގެން ނުވާނެކަމަށް ހުޅަނގުން ބުނެއެވެ. ޔޫރޭނިޔަމް ފައްކާކުރުމަށް ޓަކައި އީރާނުން މިހާރުވެސް 25 ހާހަށްވުރެ ގިނަ ސެންޓްރިފިއުޖް މެޝިން ބޭނުންކުރަމުން ގެންދާކަމަށް ނިއުކްލިޔާ ހަކަތައާބެހޭ އދ. ގެ އެޖެންސީ އައިއޭއީއޭ އިން ބުނެއެވެ. ޚަ
މަނާއި ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ހުޅަނގާއެކު ނިއުކްލިޔާ ވާހަކަތައް ދެއްކުމުގެ މަގްސަދް އެއްގޮތަކަށްވެސް ޙާސިލް ނުވާކަމަށާއި މި ވާހަކަތަކުން އީރާނަށް ލިބެނީ ފައިދާގެ ބަދަލުގައި ގެއްލުންކަމުގައެވެ.
މި ވާހަކަތައް ކުރިޔަށް ގެންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ނިއުކްލިޔާ މައްސަލާގައި އެމެރިކާއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެމެރިކާ ދެކޮޅު ހަދަމުން ގެންދާކަނވެސްް ޚަމަނާއިގެ ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ. (އަލްޖަޒީރާ)