17 Oct 2014, 11:37
ރާއްޖޭގައި ތިބެގެން މެލޭޝިއާގެ އޭޝިއާ އީ ޔުނިވަސިޓީ (އޭއީޔޫ)ގެ ކޯސްތައް ފުރިހަމަ ކުރުމުގެ ފުރުސަތު މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އަންނަ އަހަރު ތެރޭގައި ހުޅުވައިލާނެ ކަމަށް ރާއްޖޭގައި ހުންނަ އެ ޔުނިވަސިޓީގެ ރެފެރެލް އެންޑް ޕްލޭސްމެންޓް ސެންޓަރު ސަން ފައުންޑޭޝަނުން ބުނެފި އެވެ.
މިދިޔަ މަހު މެލޭޝިއާގައި ބޭއްވި އޭއީޔޫގެ ހަތަރު ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރާއްޖެ ވަޑައިގެން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ސަން ފައުންޑޭޝަންގެ ޖެނެރަލް މެނޭޖަރު އަޝްރަފު އަބްދުއްރަހީމް ވިދާޅުވީ އޭއީޔޫގެ ކޯސްތަކުގައި ދިވެހިން ބައިވެރިވެ، ރާއްޖޭގައި ތިބެގެން އެ ކޯސްތައް ފުރިހަމަ ކުރެވޭނެ ފުރުސަތު އިތުރަށް ފުޅާކުރުމަށް ޓަކައި ބޭނުންވާ ކަރުދާސް މަސައްކަތްތައް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
"ދިވެހީންގެ ދިރިއުޅުމުގެ ކަންކަން މިހުންނަ ގޮތުން އާއިލާ އާއި ވަޒީފާ ދޫކޮށް ގޮސް އެތައް އަހަރެއް ވާންދެން ގައުމުން ބޭރުގައި އުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫން. މި ސަބަބާ ހެދި މަތީ ތައުލީމުގެ ފުރުސަތުގެ ބޭނުން ނުހިފި ނުވަތަ ނުކިޔެވި ތިބި ވަރަށް ގިނަ މީހުން އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިބި. އަޅުގަނޑުމެން އޭއީޔޫއާ ގުޅިގެން ކުރާން ބޭނުންވާ އެންމެ މުހިންމު މަސައްކަތަކީ އެފަދަ ދިވެހީންނަށް އަމިއްލަ ގައުމުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ވީހާވެސް ފުޅާދާއިރާއެއްގައި ހޯދައިދިނުން،" އަޝްރަފު ވިދާޅުވި އެވެ.
އަޝްރަފު ވިދާޅުވީ ދިވެހީން ކިޔަވަން ބޭނުންވާ ވަރަށް ގިނަ ދާއިރާ ތަކުގެ ކޯސްތައް އޭއީޔޫ އިން ފުރިހަމަ ކުރެވޭނެ ކަމަށެވެ. ރާއްޖޭގައި ތިބެގެން ކޯސްތައް ހެދޭނެ ފުރުސަތު ގިނަ ބަޔަކަށް ލިބިގެން ދިއުމަކީ ޚަރަދުގެ ގޮތުން ވެސް ވަރަށް ބޮޑު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމެއްކަން އަޝްރަފު ފާހަގަކުރެއްވި އެވެ.
މިދިޔަ މަހު ބޭއްވި އޭއީޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 1200 ދަރިވަރަކު ގްރެޖުއޭޓް ވެފައިވެ އެވެ. އޭގެ ތެރޭގައި ޕީއެޗްޑީ ފުރިހަމަ ކުރި 12 ދަރިވަރުންނާއި މާސްޓާސް ފުރިހަމަ ކުރި 177 ދަރިވަރުންނާއި ބެޗްލާސް ޑިގްރީ ފުރިހަމަ ކުރި 126 ދަރިވަރުންނާއި ގްރެޖުއޭޓް ޑިޕްލޮމާ ފުރިހަމަ ކުރި 21 ދަރިވަރުންނާއި އެގްޒެކެޓިވް މާސްޓާސް ފުރިހަމަ ކުރި 820 ދަރިވަރުން އަދި ޕްރޮފެޝަނަލް ޑިގްރީ ފުރިހަމަ ކުރި 44 ދަރިވަރުން ހިމެނެ އެވެ. މި ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް 300 ފަރާތަކީ މެލޭޝިއާ އިން ބޭރު ގައުމު ތަކުގެ ދަރިވަރުންނެވެ. ޕީއެޗްޑީ ހާސިލްކުރި ފަރާތްތަކުގެ ތެރޭގައި މެލޭޝިއާގެ ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރުގެ ލޭންޑް ޕަބްލިކް ޓްރާންސްޕޯޓް ކޮމިޝަން ގެ ޗެއަރމަން އާއި ނެމީބިޔާގެ މިހާރުގެ އެޑިއުކޭޝަން މިނިސްޓަރ ހިމެނެއެވެ.
2007 ވަނަ އަހަރު އޭއީޔޫ އުފެދުނު ފަހުން 5000 އަށްވުރެ ގިން ދަރިވަރުން ވަނީ އެ ޔުނިވަސިޓީން ގްރެޖުއޭޓް ވެފަ އެވެ. އަދި އޭއީޔޫ ވަނީ ޑިސްޓެންސް ލާނިން ޕްރޮގްރާމްތައް ހިންގުމުގައި އޭޝިއާ ސަރަހައްދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދައިފަ އެވެ.
އޭއީޔޫގެ ރާއްޖޭގެ ޕްލޭސްމެންޓް ސެންޓަރު، ސަން ފައުންޑޭޝަން މެދުވެރިކޮށް ފުރުސަތު ލިބިގެން މިހާރު ވެސް އޭއީޔޫގައި ދިވެހި ބައެއް ދަރިވަރުން އަންނަނީ މަތީ ތައުލީމު ހާސިލު ކުރަމުންނެވެ.
ސަން ފައުންޑޭޝަންއަކީ، ސަން ސިޔާމް ހޯލްޑިންގްސް ގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އިސްނެންގެވުމުގެ މަތިން 2009 ވަނަ އަހަރު ރައްޔިތުންނަށް އެހީވުމުގެ ގޮތުން އުފައްދާފައިވާ ފައުންޑޭޝަނެކެވެ. އެ ފައުންޑޭޝަންގެ މުއައްސިސަކީ ވެސް ސިޔާމް އެވެ.