ހދ. ކުޅުދުއްފުށީގައި މާދަމާ ބާއްވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ކުޅުދުއްފުއްޓަށް ފުރާވަޑައިގެންފި އެވެ.
ރައީސް މިދަތުރުފުޅުގައި ކުޅުއްދުއްފުއްޓަށް ވަޑައިގެން ކެބިނެޓްގެ ރިޔާސަތު ބެލެއްޓެވުމުގެ އިތުރުން ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މާދަމާގެ ކެބިނެޓް ބައްދަލުވުމުގައި މަތިއުތުރު ޕްރޮވިންސްގެ ބައެއް މަޝްރޫއުތަކާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާނެ އެވެ.
ކުޅުދުއްފުށީގައި ކެބިނެޓް ބައްދަލުވުން ބޭއްވެވުން ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މާލެ ފިޔަވައި އެހެން ރަށެއްގައި ވަޒީރުންގެ ބައްދަލުވުން ބޭއްވުމަށެވެ. އަދި ކެބިނެޓްގެ ވަޒީރުން އެއް ފަހަރާ އެއް ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރަށް ވެސް މާދަމާ ވެގެންދާނެ އެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ކުޅުއްދުއްފުށީ ރަށްވެހި ގޭގައި މާއްދަމާ ކެބިނެޓް ޖަލްސާ ބާއްވަވާއިރު އެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ބައެއް ވަޒީރުން މިއަދު ރައީސްގެ އަރިހުގައި ކުޅުދުއަފުއްޓަށް ވަޑައިގެންފައިވާ ކަމަށާއި އެހެން ވަޒީރު ފުރާ ވަޑައިގަތުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"ހުރިހާ ވަޒީރުން ވެސް މާދަމާ ބައިވެރިވެ ވަޑައިގަންނަވާނެ،" ޒުހައިރު ވިދާޅުވި އެވެ.