17 Oct 2014, 11:18
ސްވިޒަލޭންޑްގެ ބާސެލް އަށް އުފަން އުމުރުން 33 އަހަރުގެ ރޮޖާ ފެޑެރާ އަކީ ކުޅިވަރުގެ ރޮނގުން މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ. ދުނިޔެ ދުށް އެންމެ މޮޅު އެތުލީޓުންގެ ތެރެއިން އެކެކެވެ. ޓެނިސް ކޯޓުގެ އެތެރޭގައާއި ކޯޓުން ބޭރުގަައި ވެސް ގިނަ ބައެއްގެ ލޯތްބާއި އިޚްތިރާމް ލިބިގެންވާ މަޝްހޫރު ތަރިއެކެވެ.
އުމުރުން އެންމެ އަށް އަހަރުގައި ޓެނިސް ކުޅެން ފެށި ފެޑެރާ ގެ ނަން ދުނިޔޭގައި ގުގުމަން ފެށީ 2001 ވަނަ އިނގިރޭސިވިލާތުގެ މަޝްހޫރު އޯލް ލަންޑަން ޓެނިސް އެރީނާގައި އެއިރުގެ ޓެނިސް މާސްޓަރު އަދި ޓެނިސް ލެޖެންޑް ޕީޓާ ސަމްޕްރާސްގެ މައްޗަށް ހޯދި ކާމިޔާބީ އަށްފަހުއެވެ. އޭގެ ފަހުން ފެޑެރާ އަންނަނީ އޭނާ އަކީ އާދަޔާ ޚިލާފް ކުުޅުންތެރިއެއް ކަމާއި އޭނާއަކީ އެފަދަ ދެވަނައެއް ނެތް ކުޅުންތެރިއެއް ކަން ސާބިތުކޮށްދެމުންނެެވެ.

މޮޑަން އީރާގައި މީހުންގެ މެދުގައި ޓެނިހުގެ މަޤްބޫލުކަން ކުރިއެރުވި މޭސްތިރިއަކީ ފެޑެރާ ކަން ޔަގީނެވެ. 21 ވަަނަ ގަރުނު ފެށުމަށްފަހު ޓެނިހުގެ ކުޅިވަރުގައި ވާދަވެރިކަން އުފެދި މި ކުޅިވަރަށް މީހުންގެ ނަޒަރު ހުއްޓުނީ ފެޑެރާގެ ސަބަބުންނޭ ބުނެފިނަމަ އެއީ ދޮގަކަށް ނުވާނެ އެވެ. އޭނާ އައީ ހުއްޓުމެއް ނެތް ބާރު ސްޕީޑެއްގައި މުޅި ދުނިޔެ އޭނާއަށް މަރުދޭފަދަ މޮޅު އަދި އެހާމެ ހުނަރުވެރި ކުޅުމަކުން މީހުން އޭނާގެ ޖާދޫގައި ޖައްސަމުންނެވެ. ނުވަދިހައިގެ އަހަރުތަކުގައި ޓެނިސް ކޯޓުތަކުގައި ވިދާލި ޕީޓާ ސަމްޕްރާސް އާއި އަންދްރޭ އަގާސީ ފަދަ ޓެނިސް ލެޖެންޑުން ފެޑެރާ ސިފަކުރައްވައިފައިވަނީ ފަނޑުކަމެއްނުވާ އަލިގަދަ ޓެނިސް ތަރިއެއްގެ ގޮތުގައެވެ.
ފެޑެރާ ވަނީ މިހާތަނަށް ރެކޯޑް 60 ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ވާދަކޮށްފައެވެ. މީގެ ތެރެއިން 25 މުބާރާތެއްގެ ފައިނަލްގައި ކުޅެ އޭނާ ވަނީ 17 މުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ މޮޑަން ޓެނިސް އީރާގެ ރެކޯޑެކެވެ. ގްރޭންޑް ސްލޭމް މުބާރާތްތަކަކީ ޓެނިހުގެ ދުނިޔޭގައި ކުޅެވޭ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ޓެނިސް މުބާރާތްތަކެވެ. ފެޑެރާ ވަނީ މިހާތަނަށް ހަތަރު އޮސްޓްރޭލިއަން އޯޕަން އާއި ފަސް ޔޫއެސް އޯޕަން އާއި އެއް ފްރެންޗް އޯޕަންގެ އިތުރުން ހަތް ފަހަރު މަޝްހޫރު ވިމްބަލްޑަން ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

ހައިރާންވާންޖެހޭ ސަބަބަކީ އުމުރުން މިހާރު 33 އަހަރުވެފައިވާ ސްވިޒަލޭންޑްގެ މި ކުޅުންތެރިޔާ އަންނަނީ އަދިވެސް ޓެނިސް ކޯޓު ތަކުގައި އޭނާގެ ނަން ރަންއަކުރުން ފަވަމުން ކަމެވެ. މިހެންކަމުން ފެޑެރާގެ ޓެނިސް ޙަޔާތް ނިމޭއިރު އޭނާ ހޯދާފައިވާ ކާމިޔާބީ ތައް އަދި މިއަށްވުރެ ފޮނިވާނެކަން ޔަގީނެވެ.
ފެޑެރާ އަކީ މީހުންގެ މެދުގައި މަގުބޫލު ކުޅިވަރު ޝަޚުސިއްޔަަތެކެވެ. މިހާރުވެސް ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިންގެ ރަސްމީ މެޗުތައް ކުޅޭއިރު އެމީހުންގެ މެޗުތައް ބަލާލުމަށްޓަކައި ދާ މީހުންނަށްވުރެ ދެގުނަ އިތުރު މީހުން ހަމައެކަނި ފެޑެރާގެ ޓްރެއިނިންގް ބަލާލުމަށް ކޯޓުގެ ތެރެއަށް ވަންނަކަން ފާހަގަކޮށްލެވެއެވެ. މިއީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. އޭނާ ދެކެ މީހުން ލޯބިވަނީ ހަމައެކަނި އޭނާގެ ހުނަރުވެރިކަމަކުންނެއް ނޫނެވެ. ފެޑެރާގެ ކުޅުމުގެ ވައްޓަފާޅި ރީތިކަމުންނެވެ. އޭނާގެ ފަރާތުން މެޗު ތެރޭގައި ފެންނަ ރަނގަޅު އަޚްލާގެއްގެ ސަބަބުންނެވެ.
ކެރިއަރުގެ އެންމެ ފަހު ދުވަސްތައް ވޭތުކުރަމުންގެންދާ ފެޑެރާގެ ދިގު ޓެނިސް ހަޔާތުގައި މިހާތަނަށް އެއްވެސް ބޮޑު އަނިޔާއެއްގައި ކުޅުން މެދުކަޑާލާފައި ނުވުމަކީ ޓެނިހުގައި އޭނާގެ މަގުބޫލުކަން މިއަދާ ހަމައަށް ދެމެހެއްޓި އެއް ސަބަބެވެ. ފެޑެރާގެ ފަރާތުން ފެންނަމުންދަނީ ހައިރާންކުރުވާފަދަ "ކޮންސިސްޓެންސީ" އެކެވެ. ނަޑާލް އާއި ޖޮކޮވިޗް ފަދަ ވާދަވެރިން އަހަރުގެ ހަތަރުބައި ކުޅަ އެއްބައި ދުވަސްވަރު އަނިޔާގައި ތިބޭއިރު އެ ކުޅުންތެރީންނަށް ވެރު އުމުރުން ދޮށި ފެޑެރާ އަންނަނީ އަބަދުވެސް އެއް ފެންވަރެއްގައި އޭނާގެ ކުޅުން ދަމަހައްޓައި މީހުންގެ ހިތްތަކުގައި އޭނާ އަށް ޚާއްސަ ޖާގައެއް ކަށަވަރު ކުރަމުންނެވެ.

ފެޑެރާ ވަނީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާގެ ގޮތުގައި ޖެހިޖެހިގެން ރެކޯޑް 237 ހަފްތާ ހޭދަކޮށްފައެވެ. މުޅި ޖުމްލަ 302 ދެހަފްތާ ޓެނިހުގެ އެންމެ ކުރީގައި ހޭދަކޮށްފައިވާއިރު މިއީވެސް އޯޕަން އީރާގެ ރެކޯޑެކެވެ. މީގެ އިތުރުން ހުރިހާ ގްރޭންޑް ސްލޭމް މުބާރާތްތައް ކާމިޔާބުކޮށް ކެރިއަރު ސްލޭމްވެސް ހަމަކޮށްފައިވާ މި ކުޅުންތެރިއާ ވަނީ ޕްރޮފެޝަނަލް ޓެނިސް ކެރިއަރުގައި މިހާތަނަށް 984 މެޗު ކާމިޔާބުކޮށްފައެވެ. ގިނަ މުބާރާތްތަށް މަދުވެގެން ހަތަރެއް ނޫނީ ފަސްފަހަރު ކާމިޔާބުކޮށްފައިވާ ފެޑެރާ ވަނީ 2010 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސްގެ ފިރިހެން ސިންގަލްސް ރިހި މެޑަލްގެ އިތުރުން 2008 ވަނަ އަހަރު ބެއިޖިންގައި ބޭއްވި އޮލިމްޕިކްސްގެ ޓެނިސް ޑަބަލްސްގެ ގޯލްޑް މެޑަލްވެސް ހޯދާފައެވެ. މިއީ ޓެނިސް ސުޕަސްޓާގެ އަޖައިބުކުރުވަނިވި ކާމިޔާބީތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ.
ފެޑެރާ ވަނީ 2003 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ޖެހެންދެން ވިމްބަލްޑަން މުބާރާތް އަމިއްލަ ކޮށް 2005 އަދި 2006 މި ދެއަހަރު ފްރެންޗް އޯޕަން ފިޔަވައި އެހެން ހުރިހާ ގްރޭންޑް ސްލޭމް އިވެންޓުތައް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މަޝްހޫރު ލައުރިސް ކުންފުނިން ކޮންމެ އަހަރަކު ދެމުން އަންނަ "ވޯލްޑް އެތުލީޓް އޮފް ދަ ޔިއާ" ގެ އެވޯޑް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ޝަރަފު އޮތީވެސް ފެޑެރާގެ އަތުގައެވެ. އަދި އޭޓީޕީ އިން ދެމުން އަންނަ ފޭންސް ފޭވަރިޓް ޕްލޭޔާ އޮފްދަ ޔިއާގެ އެވޯޑް 2003 ވަނަ އަހަރުން ފެށިގެން ކާމިޔާބު ކުރަމުން އަންނަަ ސްވިސް މާސްޓްރެއޯ ވަނީ އާދާ އޭޝްއިން ދޭ ހިއުމެނިޓޭރިއަން އޮފްދަ ޔިއާގެ އެވޯޑްވެސް ހަތަރުފަހަރު ކާމިޔާބުކޮށްފައެވެ.

ޓެނިހުގެ ދުނިޔޭގައި ފެޑެރާގެ ވިދުމަށް ކުޑަކޮށް ނަމަވެސް ފަޑުކަމެއް އަންނަން ފެށީ ސްޕެއިންގެ ބާސެލޯނާ އަށް އުފަން ރަފޭލް ނަޑާލް ނުވަތަ މަޝްހޫރު ނަމުން ނަމަ "ކިންގް އޮފް ކްލޭ" ޓެނިސް ކޯޓުތަކުގައި އަތްގަދަ ކުރަން ފެށި ހިސާބުންނެވެ. ޓެނިހުގެ ދުނިޔޭގައި މި ދެކުޅުންތެރިންގެ ވާދަވެރިކަން ފެންނަނީ ވަރަށްވެސް ބޮޑު ކޮށެވެ. ނަޑާލް އާއި ފެޑެރާ އާއި ދެމީހުން މިހާތަނަށް 33 ފަހަރެއްގެ މަތިން ކުރިމަތިލާފައިވާ ވާއިރު 23-10ގެ ލީޑަކުން ކުރި ލިބެނީ ނަޑާލް އަށެވެ. ނަމަވެސް މީގެ ދެބައިކުޅަ އެއްބައި މެޗުތަކަކީ ކްލޭ ކޯޓުގައި ކުޅެފައިވާ މެޗުތަކެވެ. ނަޑާލް އަކީ ކްލޭ ކޯޓުތަކަށް ޚާއްސަ އަދި ފެޑެރާ އަކީ ގްރާސް އަދި ހާޑް ކޯޓުތަކަށް ޚާއްސަ ކުޅުންތެރިއެކެވެ.
ފަަހަކަށް އައިސް ފެޑެރާގެ ކާމިޔާބީތަކަށް މަޑުޖެހުމެއް އަޔަސް ޓެނިހުގެ ދުނިޔޭގައި އޭނާގެ ނަމެއް ދުވަހަކުވެސް ކުޑަކޮށްވެސް ފަޑުވެގެން ނުދާނެކަން ޔަގީނެވެ. ފެޑެރާ އަކީ ހަމައެކަނި މޮޅު ޓެނިސް ކުޅުންތެރިއެއް ނޫނެވެ. އިޚްތިރާމް ލިބިގެންވާ ޝަޚުސިއްޔަތެކެވެ. މީހުންގެ ތެރޭގައި މަގްބޫލުކަން ލިބިފައިވާ ގަދަރުހުރި މީހެކެވެ. އެއްމާބަޑު ހަތަރު ދަރިންގެ ޒިންމާދާރު ބައްޕައެކެވެ. ކުޅިވަރުގެ އެންމެ މަތީ ފަންތީގައި އެއް ފެންވަރެއްގައި އަދިވެސް ފިޔަ ޖަހަމުން އަންނަ ފެޑެރާ އަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު ޓެނިސް ކުޅުންތެރިއާކަމާ މެދު ދެކޮޅު ހަދާނެ މީހުން މަދުވާނެއެވެ. ޓެނިސް ލެޖެންޑް ސަމްޕްރާސް ސިފަކުރާހެން ރޮޖާ ފެޑެރާ އަކީ މޮޑަން ޓެނިހުގެ ރަންތަރިއެވެ.