ދުނިޔޭގައި މިހާނަތަށް ނެރުނު އެންމެ ތުނި ޓެބްލެޓް އެޕަލް އިން ތައާރަފުކޮށްފި އެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެޕަލްއިން ތައާރަފު ކުރި އައިޕެޑް އެއަރ 2 ގެ ބޯމިނަކީ 6.1 މިލިމީޓަރެވެ.

އައިޕެޑް އެއަރ 2 ތައާރަފް ކޮށްފައި ވަނީ ކުރީގެ އައިޕެޑް ތަކަށް ވުރެ އަވަސް ޕްރޮސެސަރަކާއި މާ މޮޅު ކެމެރާ އަކާ އެކީގަ އެވެ. މިއީ ދަށްވެފައި އޮތް ޓެބްލެޓްގެ މާކެޓަށް ލިބުނު އިތުރު ކުރިއެރުމެކެވެ. އައިޕެޑް އެއަރ 2 ނެރުނު ހަފްލާގައި އެޕަލްއިން ވަނީ އެކުންފުނީގެ މެކް އޮޕަރޭޓިން ސިސްޓަމާއި، އާ އައިމެކް ވެސް ތައާރަފް ކޮށްފައެވެ. މި އައިމެކް ވެގެން ދާނީ އިންޓަނެޓް މެދުވެރިކޮށް ޓީވީ ބަލާ މީހުންނަށް ވަރަށް ކަމުދާ ސިިސްޓަމަކަށް ކަމަށް އެޕަލްއިން ބުނެ އެވެ.

އައިޕެޑް އެއަރ 2، ކުރީގެ އައިޕެޑް ތަކަށް ވުރެ ތުނި ނަމަވެސް، އައިފޯނުގައި ހިމެނޭ ގިނަ ފީޗަރ ތަކެއް އޭގައި ހިމެނެ އެވެ. އެއީ "ބާރސްޓް ޝޮޓްސް" މޯޑުގައި ފޮޓޯ ނެގުމާއި، ސްލޯ މޯޝަންގައި ވީޑިއޯ ކުރުމާއި، ފިންގަޕްރިންޓް ބޭނުންކޮށްގެން އަންލޮކް ކުރުމެވެ.

އޭގެ އިތުރުން ބުރާސްފަތި ދުވަހުން ފެށިގެން މެކް އޮޕަރޭޓިން ސިސްޓަމް "ޔޮސިމައިޓް" ވަނީ ހިލޭ ޑައުންލޯޑް ކުރުމަށް ހުޅުވާލައިފަ އެވެ. 27 އިންޗި ހުންނަ އައިމެކް، "ރެޓިނާ 5ކޭ" ހިމެނޭ މޮޑެލް ވެސް ވަނީ ބުރާސްފަތި ދުވަހު ވިއްކަން ފަށައިފަ އެވެ.

އައިޕެޑް ގެ އާ ސީރީސް ރިލީސް ކުރި ހަފްލާގައި އެޕަލްއިން ބުނި ގޮތުގައި، އެޕަލްގެ "އެޕަލް ޕޭ" ހޯމަ ދުވަހު ތައާރަފު ކުރާނެ އެވެ. އެޕަލް ޕޭ އަކީ އައިފޯނު ބޭނުންކޮށްގެން ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން ވިޔަފާރިކުރެވޭ ސިސްޓަމެކެވެ. އެޕަލްއިން އިތުރަށް ބުނިގޮތުގައި އެމީހުންގެ ޕްރޮޑަކްޓްސް ވަކިވަކިން ބޭނުން ކުރުމުގެ ބަދަލުގައި އެކުއެކީގައި ބޭނުން ކުރުމުން އޭގެން ހިފޭ ބޭނުމާއި ލިބޭ ފައިދާ ބޮޑުވާނެ އެވެ. އެއީ އެޕަލް ކުންފުނިން އަމިއްލައަށް އެމީހުންގެ ހާރޑްވެއާ އަދި ސޮޕްޓްވެއާ ތައްޔާރު ކުރާތީ އެވެ.

"ހުރިހާ ޕްރޮޑަކްޓްސް ތަކަކީ ވެސް ވަރަށް ތަފާތު ޕްރޮޑަކްޓްސް ތަކެއް. ވަކިން ބޭނުންކުރުމަށް ވުރެ އެކުއެކީގައި ހުރިހާ ޕްރޮޑަކްޓްސް ބޭނުން ކުރުމުން ލިބޭ ފައިދާ މާ ބޮޑ.ު" އެޕަލްގެ ސީއީއޯ ޓިމް ކުކް އައިޕެޑް ރިލީސް ކުރި ހަޕްލާގައި ވާހަކަ ދައްކަމުން ބުންޏެވެ. "މިއީ އަހަރުމެންގެ ވިޝަން އަކީ ޕަރސަނަލް ޓެކްނޮލޮޖީ، އަދި މިއީ ހަމަ ފެށުމެއް."

އެޕަލް އިން އައިޕެޑް އެއަރ 2 އަދި އައިމެކް ގެ އާ ސިސްޓަމް ތައާރަފްކޮށްފައި ވާއިރު ބުދަ ދުވަހު އައިޓިއުންސްގައި އައިޕެޑް އެއަރ 2 އަދި އައިޕެޑް މިނީ 3 ގެ ފޮޓޯތައް ވަނީ ލީކުވެފަ އެވެ.