ދަނޑުވެރިކަމުގެ ދާއިރާއިން 19 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފް ކުރެވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ދަނޑުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޝައިނީ ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާއިން އަންނަ ހަފްތާގެ ތެރޭގައި 2.5 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށާއި އަދި ވަރަށް އަވަހަށް 19 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ތައާރަފް ކުރެވޭނެ ކަމަށެވެ.

މިހާރު ރާޢްޖޭގައި ދޫކުރެވޭ ހުރިހާ ލޯނުތަކަށް ވުރެ ދަނޑުވެރިކަމުގެ ދާއިރާއިން ދެވޭ ލޯނުތަކުގެ އިންޓުްރެސްޓް ކުޑަވާނެ ކަމަށާއި އެއީ ރައީސް ޔާމީން އެ ދާއިރާއަށް ދެއްވާ އަހުމިއްޔަތު ދައްކުވައިދޭ ކަމެއްކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

ގުދުރަތީ ކާރިސާތަކުން ދަނޑުތަކަށް ލިބޭ ގެއްލުންތައް ކަވަރު ކޮށްދޭ އިންޝުއަރެންސް ސްކީމެއް ވެސް ރޭ ތައާރަފް ކޮށްފައިރު އެކަމަށް އަލި އަޅުއްވާލައި މިނިސްޓަރު ޝައިނީ ވިދާޅުވީ، "މިއަދު އެ އިންޝުއަރެންސް ސްކީމާއެކު ސަރުކާރުން ހާސިލް ކުރަން ބޭނުންވި ހުރިހާ ސިޔާސަތެއްގެ މަސައްކަތް ފެށިއްޖެ" ކަމަށެވެ. އަދި ކޮންމެ ދަނޑުވެރިއަކީ 8000 ލިބޭ ދަނޑުވެރިއަކަށް ހަދައިދިނުމަށް އެހީތެރިވެދެއްވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަ ކަމަކުން ނެތިގެންދާވަރުގެ ކަމަކަށް ދަނޑުވެރިކަން ހައްދަވަން ބޭނުންފުޅު ނުވާ ކަމަށާއި މި ފަސް އަހަރު ތެރޭގައި ދަނޑުވެރިކަމަކީ ފާހަގަ ކުރެވޭ ސިނާއަތަކަށް ވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ. އެގޮތުން ޓޫރިޒަމް ދާއިރާ މެދުވެރިކޮށް ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.