17 Oct 2014, 00:40
ގުދުރަތީ ކާރިސާތަކުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް މާލީ އެހީ ލިބޭނެ އިންޝުއަރެންސް ސްކީމެއް ތައާރަފްކޮށްފި އެވެ.
ސަރުކާރުގެ "މޫސުމުން ލިބޭ ގެއްލުމަށް މާލީ ރައްކާތެރިކަން ހޯދައިދޭނަން" ގެ ވައުދުގެ ދަށުން ތައާރަފްކުރި އެ ސްކީމަކީ ފިޝަރީޒް މިނިސްޓްރީ އާއި އެލައިޑް އިންޝުއަރެންސާ ގުޅިގެން ތައާރަފްކޮށްފައިވާ އިންޝުއަރެންސް ސްކީމެކެވެ.
ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި އެ އިންޝުއަރެންސް ސްކީމް ތައާރަފްކޮށްދެއްވީ، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، އެ ސްކީމުގެ ސަބަބުން ދަނޑުވެރިންނަށް ދަނޑުވެރިކަމުން ލިބޭ އާންމުދަނީގެ ޔަގީންކަން އިތުރުވެ، ދަނޑުގެ މަސައްކަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ދެ ޕޮލިސީއަކަށް ބަހާލައިގެން ދޭން ނިންމާފައިވާ އެ ސްކީމުގައި ހިމެނެނީ، ދަނޑުވެރި އުފެއްދުންތަކަށް ލިބޭ ގެއްލުންތަކަށް ބަދަލުދެވޭ އިންޝުއަރެންސް ޕޮލިސީ އަކާއި ކެއުމަށް ބޭނުންކުރާ ދޫންޏާއި ކުދި ޖަނަވާރަށް ލިބޭ ގެއްލުމަށް މާލީ އެހީ ލިބޭ އިންޝުއަރެންސް ޕޮލިސީ އެވެ.
އެގޮތުން، ދަނޑުވެރި އުފެއްދުންތަކަށް ލިބޭ ގެއްލުންތަކަށް ބަދަލުދެވޭ އިންޝުއަރެންސް ޕޮލިސީގެ ދަށުން، ބޯކޮން ވާރޭވެހި ފެންބޮޑުވުމުން ލިބޭ ގެއްލުންތަކަށާއި އުދައަރާ ލޮނުގެ އަސަރު ބިމަށްކޮށް ދަނޑުގޮވާންތަކަށް ލިބޭ ގެއްލުންތަކުގެ އިތުރުން ވައިގެ ތޫފާން، ސުނާމީ އަދި ހޫނު ގަދަވެ ފެނުގެ ދަތިކަން ދިމާވުމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި މަތިވަރަށް ބަލި ނުވަތަ ގެއްލުންދޭ ފަނިފަކްސާ ޕެޓްސްގެ ސަބަބުން ލިބޭ ގެއްލުން ތަކަށް މާލީ އެހީ ލިބޭނެ އެވެ.
ކެއުމަށް ބޭނުންކުރާ ދޫންޏާއި ކުދި ޖަނަވާރަށް ލިބޭ ގެއްލުމަށް މާލީ އެހީ ލިބޭ އިންޝުއަރެންސް ޕޮލިސީގެ ދަށުން މާލީ އެހީ ލިބޭނީ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކެއުމަށް ބޭނުންކުރާ ދޫންޏާއި ކުދި ޖަނަވާރަށް ލިބޭ ގެއްލުންތަކަށާއި އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން އެތަކެއްޗަށް ލިބޭ ގެއްލުންތަކުގެ އިތުރުން ބައެއް ބަލިތައް ޖެހުމުން ލިބޭ ގެއްލުންތަކަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، ދަނޑުވެރިޔާއަށް ލިބޭ ގެއްލުމުގެ 90 ޕަސެންޓް ކަވަރުކޮށްދޭ އެ ޕޮލިސީގެ މުއްދަތަކީ 12 މަސް ދުވަސް ކަމަށެވެ. އަދި ޕްރިމިއަމް ގެ ގޮތުގައި އިންޝުއަރެންސް ކުންފުންޏަށް ދައްކަންޖެހޭ އަދަދަކީ ދަނޑު އަގުކުރެވިފައިވާ އަގުގެ 7.5 ޕަސެންޓް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް ސަރުކާރުން އެ އިންޝުއަރެންސް ސްކީމުގައި ބައިވެރިވާ ފަރާތްތަކަށް ޕްރިމިއަމް، ދަނޑުގެ އަގަށް ބެލުމަށްފަހު ވަކި އުސޫލެއްގެ ދަށުން ދައްކައިދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ގުދުރަތީ ކާރިސާތަކުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް މާލީ އެހީ ލިބޭނެ އިންޝުއަރެންސް ސްކީމެއް މިރޭ ތައާރަފްކޮށްފައިވާއިރު، މިނިސްޓްރީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށްވެސް އެ ސްކީމުގައި ބައިވެރިވެވޭނެ ކަަމަށް މިނިސްޓްރީން ބުންޏެވެ.