ވިއެނާ (އޮކްޓޫބަރު 16)) އެމެރިކާގެ އެއާފޯސް ޕްލޭނަށް މި އަހަރުގެ ތެރޭގައި ހަތަރު ވަނަ ފަހަރަށް މައްސަލަ ޖެހިގެން އެމެރިކާގެ އެންމެ މަތީ ޑިޕޮލަމޭޓް ޖޯން ކެރީ ކޮމަޝާލް ފްލައިޓެއްގައި ދަތުރުކުރައްވަން ޖެހިވަޑައިގެންފި އެވެ.

ޖޯން ކެރީ ދަތުރު ކުރައްވާ މުސްކުޅި، އެއާފޯސްގެ މަތިންދާ ބޯޓަށް މި ފަހަރު މައްސަލަ ދިމާވެ ފުރެން ނެތްކަން އެންގީ، އިރާނުގެ ނިއުކުލިއާ ޕްރޮގްރާމާ ބެހޭ ގޮތުން އޮސްޓްރިއާގެ ވެރި ރަށުގައި އޮތް ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު، ނޫސްވެރިންނާއި ސްޓޭޓް ޑިޕާޓަމަންޓްގެ މުވައްޒަފުންގެ މައްޗަށް އެކުލެވޭ 40 ބޭފުޅުންގެ ވަފުދު ބުދަ ދުވަހުގެ ފަތިހު ހޮޓަލުން ޗެކު އައުޓް ވެސްވި ފަހުންނެވެ.
'
ޖޯން ކެރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަގާމާ ހަވާލުވެވަޑައިގަތް ފަހުން، 566،000 މޭލަށް ( 911،000 ކިލޯ މީޓަރު) ދަތުރު ކުރައްވައި އަދި ވަނީ 55 ގައުމަށް ވަޑައިގެންފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ގައުމުތަކަށް އެތައް ފަހަރަކު ވަޑައިގަތުމުގެ އިތުރަށް، 249 ދުވަހު ވަނީ ބޯޓު މަތީގައި ހޭދަ ކުރައްވައިފަ އެވެ.

އެއީ ކެރީގެ ކުރިން ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު އަދާކުރެއްވި ހިލަރީ ކްލިންޓަން ހަތަރު އަހަރުގެ ތެރޭގައި ކަޑައްތު ކުރެއްވި މޭލުތަކަށް ވުރެ ކުޑަކޮށް މަދު އަދަދެއް ނަމަވެސް ކައިރި މުސްތަގުބަލެއްގައި އެ އަށްވުރެ އެ ރެކޯޑް ކެރީ މުގުރާލާނެ ކަަމަށް ރިޕޯޓްތައް ބުނެ އެވެ. ހިލަރީ ވަނީ ހަަތަރު އަހަރުގެ ތެރޭގައި 112 ގައުމަށް ވަޑައިގެންފަ އެވެ.

ކެރީ ދަތުރުކުރައްވާ އެއާފޯސް މަތިންދާ ބޯޓަށް އިލެކްޓިރިކް މައްސަލައެއް ދިމާވެގެން މި އަހަރުގެ އޯގަސްޓް މަހު ވެސް ވަނީ ހަވާއީ އިން ނުވަ ގަޑި އިރު ހޭދަ ކުރެއްވުމަށް ފަހު ކޮމާޝަލް ފްލައިޓެއްގައި ކެރީ އަށް ވޮޝިންގްޓަނަށް ވަޑައިގަންނަވަން ޖެހިފަ އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު ސީރިޔާ އާ ބެހޭ ވާހަކަތަކުގެ މެދު ތެރެއިން، ސްވިޒަލޭންޑްގައި ވެސް ވަނީ އެ ބޯޓް ގްރައުންޑްވެފަ އެވެ. އަދި މާޗު މަހު އިނގިރޭސިވިލާތުގެ ލަންޑަނުގައި ވެސް ވަނީ އެފަދަ ހާދިސާއެެއް ހިނގައިގެން ބޯޓު މަރާމާތު ކުރަން ޖެހިފަ އެވެ.