16 Oct 2014, 21:57
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ޗުއްޓީއަށާއި ވަޒީފާ އިން ކެނޑިގެން އެނބުރި ގައުމަށްދާއިރު އިމިގުރޭޝަން ކައުންޓަރަށް އޭނާ މަސައްކަތް ކުރި އިދާރާގެ އިން ފުރަން ހުއްދަ ދޭ ލިޔުމެއް ހުށަހަޅާ ގޮތަށް ހަމަޖައްސައިފި އެވެ.
އިމިގުރޭޝަން އިން މިއަދު ބުނީ އެއާޕޯޓް އިމިގުރޭޝަނަށް "އެގްޒިޓް ޕާމިޓް" ފޯމެޓް ނުވަތަ ފޯމެޓުގައިވާ މައުލޫމާތު ހިމެނޭ ލިޔުމެއް ހުށައެޅުމަށް ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމާފައި ވަނީ ބިދޭސީން ރާއްޖޭގައި މަސައްކަތްކޮށް އެނބުރި ގައުމަށްދާއިރު އެމްޕްލޮޔަރުގެ ހުއްދަޔާ އެކު ފުރަންދާ މީހެއްކަން ކަށަވަރު ކުރުމަށެވެ.
"މަގުސަދަކީ އެމްޕުލޮޔަރަށް ނޭނގި ފުރުމުގެ ސަބަބުން އެމްޕްލޮޔަރަށް ދިމާވާ ދަތިތަކާއި ގެއްލުންތައް ކުޑަކުރުން،" އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި މަސައްކަތް ކުރުމަށް ފަހު އެނބުރި ގައުމަށްދާ ބިދޭސީން މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އެއާޕޯޓް އިމިގުރޭޝަން އަށް ހުށައަޅަންޖެހޭ އެފޯމް އިމިގުރޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.