މިދިޔަ އަހަރު ރާއްޖެ އެތެރެކުރި ދުންފަތުގެ ބާވަތްތަކުގެ އަގު 114 މިލިއަން ރުފިޔާ އަށް ވުރެ އިތުރު ވާނޭ ކަމަށް ހެލްތު މިނިސްޓްރީގެ ޓޮބޭކޯ ކޮންޓްރޯލިން ޔުނިޓު [ޓީސީޔޫ] އިން ބުނެފި އެވެ.

ސީޓޫޔޫގެ އިސް ވެރިޔާ ހަސަން މުހައްމަދު މިއަދު ވިދާޅުވީ 2009 ވަނަ އަހަރު ރާއްޖެ އަށް 114 މިލިއަން ރުފިޔާގެ ދުންފަތުގެ ބާވަތްތައް އެތެރެ ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަދަކީ ކޮންމެ އަހަރަކު ވެސް އިތުރުވަމުންދާ އަދަދެއް ކަމުން 2010 ވަނަ އަހަރު ރާއްޖެ އަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރި މިންވަރު 114 މިލިއަނަށް ވުރެ އިތުރު ވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ކަސްޓަމުން އެ ތަފާސް ހިސާބުތައް ލިބިފައި ނުވާތީ ސީދާ އަދަދު ވިދާޅުވާން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އޭނާ ވިދާޅުވީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް އެކަނި ވެސް 28 މިލިއަން ރުފިޔާގެ ދުންފަތުގެ ބާވަތްތައް އެތެރެކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ދުންފަތް ކޮންޓުރޯލު ކުރުމުގެ ގާނޫނު މިއަހަރު އޮގަސްޓު މަހުގެ 17 ވަނަ ދުވަހު އަމަލު ކުރަން ފަށާއިރު އެ ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާނެ އެންމެ ބޮޑު ދަތިކަމަކީ ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތުމާއި މާލީ ދަތިކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަޖެހޭ މިކަމަށް ބޭނުންވާ އިންސްޕެކްޓަރުން ތަމްރީނުކޮށް އެމީހުންނަށް އަމަލީ ތަމްރީނުތައް ވެސް ދޭން. މިހެންކަމުން ގާނޫނު ތަންފީޒު ކުރުމަށް އަޅުގަނޑުމެނަށް ޖެހިދާނެ ސަލާމަތީ ބައެއް ފަރާތްތަކުގެ އެހީތެރިކަން ވެސް ހޯދަން. މިހާރުން މިހާރަށް އަޅުގަނޑުމެންނަށް ލިބިފައި ހުރި ފަންޑިން އަށް ބަލާއިރު ދަތިތަކާ ކުރިމަތިވާނެ ވަސީލަތްތައް މަދުކަމުން." ހަސަން މުހައްމަދު ވިދާޅުވި އެވެ.

އިއްޔެ ޓީސީޔޫ އާއި މޯލްޑިވިއަން ރެޑް ކެރެސެންޓް [އެމްއާރުސީ] އާ ގުޅިގެން ވަނީ ދުންފަތާ މެދު އާންމުން ހޭލުންތެރިކުރުމުގެ ގޮތުން އެ ޔުނިޓުން ފެށި މަސައްކަތްތަކުގެ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުން ސެމިނާއެއް ބާއްވައިފަ އެވެ. އެ ސެމިނާގައި އެޗްއާރުސީގެ ވޮލެންޓިއަރުންނަށް ދުންފަތުގެ ނުރައްކާތެރިކަމާ ގުޅޭ ގޮތުން ތަފާތު މައުލޫމާތުތަކެއް ފޯރުކޮށްދީފައި ވާނޭ ކަމަށާއި އެ މައުލޫމާތު އާންމުނަށް ފޯރުކޮށްދޭނެ ގޮތްތަކާއި ވަސީލަތްތައް އެ މީހުންނަށް ދަސްކޮށްދީފައިވާނޭ ކަމަށް ޓީސީޔޫ އިން ބުނެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ބުނާ ގޮތުން އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. އަދި 18 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ ވެސް މަނާ ކަމެކެވެ. އޭގެ އިތުރުން އެނެކާ ބޯ ދުމުން ސަލާމަތްވުމުގެ ހައްގު ވެސް ގާނޫނުން ލިބިދެ އެވެ.