މިއަދު އިރު އޮއްސުނު ވަގުތުގައި ރ. ދުވާފަރަށް އެރި ނަގޫރޯޅީގައި ބަނދަރު މަތީގައި ހުރި މީހަކު މޫދަށް ވެއްޓި، އޮޔާގޮސް ގެނބެމުން ދަނިކޮށް ފުލުހެއްގެ މަސައްކަތުން އޭނާ ސަލާމަތްކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވަނީ މިއަދު އިރުއޮއްސި 6:07 ހާއިރު ދުވާފަރަށް އެރި ނަގޫރޯޅީގައި ބަނދަރުމަތީ ހުއްޓައި މޫދަށް ވެއްޓިފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ މޫދަށް ވެއްޓި އޮޔާ ދަނިކޮށް ސަލާމަތް ކުރީ ޕޮލިސް ކޯފްރަލް މުޙައްމަދު އީމާން ކަމަށެވެ.

"އޭނާ މޫދަށް ވެއްޓި އޮޔަވަރާ އެކު ބޭރަށްދާ މަންޒަރު އެވަގުތު ދުވާފަރު ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ވެހިކަލްގައި ތިބި ފުލުހުންނަށް ފެނުމާ އެކު ފުލުހުންގެ ވެހިކަލްގައި އިން ޕޮލިސް ކޯފްރަލް މުޙައްމަދު އީމާން ވަނީ މޫދަށް ފުންމާލާ ފަތާފައި ގޮސް ގެނބެމުން ދިޔަ މީހާ ސަލާމަތް ކޮށްފަ އެވެ،" ޕޮލިސް ލައިފް ޑޮޓް އެމްވީގައި ބުނެފައިވެ އެވެ.

ޕޮލިސް ކޯފްރަލް މުޙައްމަދު އީމާން: މޫދަށް ފުންމާލައި ފަތާފައި ގޮސް ގެނބެމުން ދިޔަ މީހާ ސަލާމަތް ކުރި-- ފޮޓޯ/ ޕޮލިސް

އެ ހާދިސާގައި މޫދަށް ވެއްޓި ގެނބެމުން ދަނިކޮށް ސަލާމަތްވި މީހާ އަށް ލޮނު ބޮވިފައި ވުމުގެ ސަބަބުން އޭނާ އަށް ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ދުވާފަރަށް އެރި ނަގޫރޯޅީގައި އެ ރަށަށް ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އެވަގުތު ދުވާފަރު ބަނދަރުގައި އަޅާފައި ހުރި ބައެއް އޮޑިދޯނިފަހަރުގެ ވާތަށް ކަނޑައިގެން ދިއުމުގެ އިތުރުން ބަނދަރު މަތީގައި ޕާކުކޮށްފައި އޮތް ކާރެއް ކަހާލައިގެން ގޮސް 30 ފޫޓު ދުރުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި، ކާރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.