16 Oct 2014, 21:15
ފިލައިގެން އުޅޭ ބިދޭސީންނަށް ވަޒީފާދީގެން ގެންގުޅޭ ފަރާތްތަށް ހޯދުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އެފަދަ 17 ފަރާތެއް ހޯދައި ޖޫރިމަނާކޮށްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ފަރާތްތައް ހޯދުމަށް ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަންގެ ދަށުން ހުޅުމާލޭ ނެއިބާހުޑް ދޭގެ ސަރަހައްދުގައި ހިމެނޭ 34 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅުނު 17 ފަރާތެއް ޖޫރިމަނާކޮށް، ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.
އިމިގްރޭޝަނާއި ފުލުހުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި ހަތް ސައިހޮޓަލަކާއި 13 ފިހާރައަކާއި އެއް ސެލޫންގެ އިތުރުން 11 ގެސްޓް ހައުސް އަދި ވަކި ކެޓަގަރީއަކަށް ނުފެތޭ ދެ ތަނެއް ބަލައިފާސްކޮށްފައިވެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅުނު މައްސަލާގައި 17 މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް އެފަދަ 25 ފަރާތެއް ހޯދައި ވަނީ ޖޫރިމަނާކޮށްފި އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ ވާކް ވިސާއާ ބެހޭ ގަވާއިދުގެ ދަށުން، ވާކް ވިޒާ ދީފައިވާ ބިދޭސީންގެ ތެރެއިން އެމީހެއްގެ ޒިންމާގައިވާ ބިދޭސީން ފިޔަވައި އެހެން ބިދޭސީން ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ކުށެއް ކުރި ފަރާތެއް 50000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި އެފަދަ ކުށެއް ހަތަރުވަނަ ފަހަރަށް ކޮށްފިނަމަ އެ ފަރާތުގެ ޒިންމާގެ ދަށުން ބިދޭސީން އެތެރެ ކުރުމުގެ ހުއްދަ ނުދިނުމުގެ އިހްތިޔާރު އިމިގްރޭޝަނަށް ލިބިގެން ވެއެވެ.
އެ ގަވާއިދުގައިވާ ގޮތުން، އެފަދަ ކުށެއްކުރީ ބިދޭސީއަކު ނަމަ، އެމީހެއްގެ އަދަބަކީ 15000 ރުފިޔާ އާއި 50000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެފަދަ މީހުން ވަކި މުއްދަތަކަށް ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލުމުގެ އިހްތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ލިބިގެންވެއެވެ.