16 Oct 2014, 19:38
ހުޅުމާލޭގައި ބޯޑިން ސްކޫލެއް އެޅުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއަށް ބިމެއް ދީފި އެވެ.
އެޗްޑީސީ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ބިން ދިނުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު އަބްދުﷲ އިބްރާހިމެވެ.
ބިން ހަވާލުކުރުމުގެ އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގައި ސޮއިކުރާތާ ދެ އަހަރު ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމަންޖެހެ އެވެ.
އެޗްޑީސީން އެޑިއުކޭޝަން މިނިސްޓްރީންއަށް ބިމެއް ދީފައިވާއިރު، ބޯޑިން ސްކޫލެއް އެޅުމަށް އެ ބިން ދިނުމަށް ހަމަޖެހިފައި ވަނީ، ހުޅުމާލޭ ލާލޭ ޔޫތު ސްކޫލު ހިންގާ ތުރުކީގެ ބިޒް އެޓޯލް ޕުރައިވެޓް ލިމިޓެޑާއެވެ. އެގޮތުން، ލާލޭ ސްކޫލް މިހާރު ހިންގާ އިމާރާތް ދައުލަތަށް ލިބޭނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޯޑިން ސްކޫލު އެޅުމަށް މިމަހުގެ ކުރީކޮޅު ބިޒް އެޓޯލް ޕުރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ބޯޑިން ސުކޫލް ހިންގުމަށް 25 އަހަރުގެ މުއްދަތަކަށް އެ ކުންފުންޏަށް ލިބޭނެ އެވެ.