16 Oct 2014, 17:12
ގާހިރާ (އޮކްޓޯބަރ 16) : ލީބިޔާގެ ވާދަވެރި ޖަމާއަތްތަކުގެ މެދުގައި ހިނގަމުންދާ ދާޚިލީ ތަޅާފޮޅުންތަކުގެ ތެރެއަށް ނުވަންނަކަމަށާއި ލީބިޔާ އަށް ބޮމުގެ ޙަމަލާތައް ނުދޭކަމަށް މިސްރުން ބުނެފި އެވެ.
މިސްރުގެ ރިޔާސީ ތަރްޖަމާން ޢަލާއު ޔޫސުފް ވިދާޅުވީ ލީބިޔާގެ ބައެއް ސަރަހައްދުތަކަށް މިސްރުގެ އަސްކަރީ މަތިންދާބޯޓުތަކުން ބޮންއެޅި ކަމަށް ބުނެ މިހާރު ފެތުރެމުންދާ ޚަބަރުތަކަކީ ސައްހަ ޚަބަރުތަކެއް ނޫންކަމުގަ އެވެ. ލީބިޔާގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިން ބުނާގޮތުން އެމީހުންގެ ކޮންޓްރޯލްގެ ދަށުގައިވާ ބެންގާޒީގެ ބައެއް ސަރަހައްދުތަކަށް މިސްރުގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން އިއްޔެ ޙަމަލާތަކެއް ވަނީ ދީފަ އެވެ. މިއީ ލީބިޔާގެ އިލްމާނީ ފިކުރުގެ ހަނގުރާމަވެރި ލީޑަރެއް ކަމަށްވާ ޖެނެރަލް ޚަލީފާ ހަފްތަރުގެ ޖަމާއަތުގެ އެދުމުގެ މަތިން މިސްރުން ދިން ހަމަލާތަކެއް ކަމަށާ ހަފްތަރަށް އެހީތެރިވަނީ މިސްރާއީ ޔޫއޭއީން ކަމަށް ބެންގާޒީ ކޮންޓްރޯލްކުރާ އިސްލާމީ ފިކުރުގެ ހަނގުރާމަވެރިން ބުނެ އެވެ.
މިސްރުގެ ރިޔާސީ ތަރްޖަމާން ޢަލާއު ޔޫސުފް ވިދާޅުވިގޮތުގައި މިސްރުގެ ސިޔާސަތަކީ ލީބިޔާގެވެސް އަދި އެހެން ގައުމެއްގެ ވެސް ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމެވެ. އަދި ލީބިޔާގެ ވާދަވެރި ޖަމާއަތްތަކުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ އަމަލުތަކާ މިސްރާ ގުޅުންނެތް ކަމަށް ވެސް މިސްރުގެ ރިޔާސީ ތަރްޖަމާން ވިދާޅުވި އެވެ.
ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް2011 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ފެށި ހަނގުރާމާގައި ގައްޒާފީ އަވަހާރަކޮށްލުމަށް ފަހު ވެރިކަމާ ހަވާލުވި އިސްލާމީ ފިކުރުގެ ފަރާތްތަކުން ވެސް ވަނީ އަމިއްލަ އެދުން ކުރިޔަށްނެރެ އެމީހުންގެ މެދުގައި ތަޅާފޮޅުންތައް ކުރިޔަށްގެންގޮސްފަ އެވެ. ނަތީޖާއެއްގެ ގޮތުން ލީބިޔާ ހަމައަކަށް އަޅުވައި އެގައުމަށް ސުލްޙަ ގެނަސްދިނުމުގައި އިސްލާމީ ފިކުރުގެ ހަނގުރާމަވެރިންނާއި އެފިކުރުގެ ސިޔާސީ ފަރާތްތައް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. މިކަމުގެ ސަބަބުން ބޭރުގެ ފަރާތްތަކަށް ވަނީ ލީބިޔާގެ ކަންތައްތަކުގެ ތެރެއަށް ވަދެގަތުމުގެ ފުރްސަތު ފަހިވެގެން ގޮސްފަ އެވެ. ލީބިޔާގައި ހެޔޮގޮތުގައި ވެރިކަންކޮށް އެގައުމަށް ހަމަޖެހުން ގެނައުމަށް ގައްޒާފީއަށް ފަހު ރަނުގެ ފުރްސަތެއް ލިބުމުން ވެސް އެފުރްސަތުގެ ބޭނުންނުކޮށް އަމިއްލަ އެދުން ކުރިޔަށް ނެރުނުކަމުގެ ތުހުމަތު ލީބިޔާގެ އިސްލާމީ ފިކުރުގެ ހަނގުރާމަވެރިންގެ މައްޗަށްވަނީ ކުރެވިފަ އެވެ.
އެހެންކަމުން ލީބިޔާ ހަމަނުޖެހުންތަކެއްގެ ތެރެއަށް ވައްޓާލީ އިޚްވާން ފިކުރުމުގެ ޖަމާއަތްތައް ކަމަށްލީބިޔާގެ އިލްމާނީ ފިކުރުގެ ކުރީގެ ޖެނެރަލް އެއްކަމަށްވާ ޚަލީފާ ހަފްތަރާއި އޭނާއަށް ތާއީދުކުރާ ހަނގުރާމަވެރިން ބުނެ އެވެ. ޖެނެރަލް ހަފްތަރު ވަނީ އިސްލާމީ ފިކުރުގެ ޖަމާއަތްތައް ނައްތާލެވިގެން ނޫނީ ލީބިޔާ އަށް ސުލްޙަ ނުގެނެވޭނެ ކަމަށް ބުނެ އެޖަމާއަތްތައް ނައްތާލުމުގެ ނަމުގައި ލީބިޔާގައި ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައެއް ފަށާފަ އެވެ.
މިހަނގުރާމަ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންދާ އިރު މިހަނގުރާމަ މިހާރުދަނީ އިރާގާއި ސޫރިޔާ ފަދަ ގައުމުތަކުގައި ހިނގަމުންދާފަދަ ފަނާކުރަނިވި ހަނގުރާމައަކަށް ބަދަލުވަމުންކަމަށް ރިޕޯޓްތައް ބުނެ އެވެ. ޖެނެރަލް ޚަލީފާ ހަފްތަރުގެ ފަހަތުން ލީބިޔާގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަމުންދާ ކަމަށް ތުހުމަތު ކުރެވޭ ގައުމުތަކުގެ ތެރޭގައި ހުޅަނގުގެ ގައުމުތަކުގެ އިތުރުން ޔޫއޭއީ އާއި މިސްރު ހިމެނެ އެވެ. ޔޫއޭއީއާއި މިސްރުން ދެކޭގޮތުގައި އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އިސްލާމީ ފިކުރަކީ އެދެގައުމުގެ ވެރިކަމުގެ ނިޒާމުތަކަށްއޮތް ބޮޑު ނުރައްކަލެކެވެ. އެހެންކަމުން އަރަބި ކޮންމެ ގައުމެއްގައި އެފިކުރުއޮތަސް އެދެގައުމުން ގެންދަނީ އެފިކުރާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.
ހުޅަނގުގެ ގައުމުތައް ޖެނެރަލް ހަފްތަރަށް ތާއީދުކުރަނީ އޭނާއަކީ އިސްލާމީ ފިކުރާ ދެކޮޅަށް ހަނގުރާމަކުރާ އިލްމާނީ ފިކުރުގެ ބޭފުޅަކަށްވާތީ ކަމަށްވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)