ބޭކާރު ގޮތުގައި އެންމަސް ހިފައި ކަނޑުތެރެއަށް އެން އުކުން ގިނަވެފައި ވާތީ މަސްވެރިކަމަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް އެން ނުދެމުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިމަހު 15 ވަނަ ދުވަހު މާލޭ ފަޅުތެރޭގައި ގިނަ އަދަދަކަށް މާލަންރޮނޑު މަރުވެފައިވާ ކަމުގެ ރިޕޯޓެއް މިނިސްޓްރީ އަށް ލިބުމާ ގުޅިގެން އެކަން ބެލި ބެލުމުން އެއީ މަސްވެރިކަން ކުރާ އުޅަނދު ފަހަރުން ބޭނުންކޮށް ބާކީ ވުމުން އަޅާފައިވާ ރޮނޑުތަކެއްކަން އެނގިފައިވާ ކަމަށެވެ.

މިނިސްޓްރީ އިން ބުނީ އެ ފަޅުގެ ސަރަހައްދަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންނާއި އާންމު ފަރާތްތަކުން ބޭނުންކުރާ ސަރަހައްދަކަށް ވެފައި މަރުވެފައިވާ ގިނަ އަދަދެއްގެ މަސް ކުނިވުމުން ފަޅު ހަޑިވެ ނުބައިވަސް ދުވުމުން އޭގެ ނޭދެވޭ އަސަރު އެ ސަރަހައްދު ކަނޑުގެ ދިރުންތަކާއި އާންމުންނަށް ކުރާނެ ކަމަށެވެ.

އެހެންކަމުން އެ މިނިސްޓްރީން ބުނީ މަސްވެރިކަމުގައި ބޭނުންކުރުމަށް ފަހު ގިނަ އަދަދެއްގެ އެން އުކާލަން މެދުވެރި ވަނީ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް އެން ދަމާތީ ކަމަށާއި އެގޮތަށް އެކަން ތަކުރާރުވިޔަ ނުދިނުމަށް ބޭނުންވާ ވަަރަށްވުރެ އިތުރަށް އެން ނުހިފުމަށް އިލްތިމާސްކުރާ ކަމަށެވެ.

އޭގެ އިތުރުން އެން ބޭނުން ނުކުރެވިގެން އުކާލަން ޖެހިއްޖެ ހާލަތެއްގައި ވެސް ދިރިހުއްޓާ އެފަދަ އެން ފަރެއްގެ ބޭރަށް ދޫކޮށްލުމަކީ މުހިންމު ކަމެއް ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.