ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެން ދަނޑުވެރިކަމުގެ މައުރަޒެއް މާލޭގައި ހުޅުވައިފި އެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާއި ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ދަރުބާރުގޭގައި ބާއްވާ އެ މައުރަޒު ހުޅުއްވައި ދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ. އެ ރަސްމިއްޔާތުގައި އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގަތެވެ.

މައުރަޒާ ގުޅޭ މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެ ފެއާގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަންކުރާ ފަރާތްތަކާއި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ގެނެސް ސަޕްލައިކޮށްދޭ ކުންފުނިތައް އެއްކޮށް ޖުމްލަ 14 ފަރާތަކުން ބައިވެރިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ފެއާއިން ރާއްޖޭގެ ދަނޑުވެރިކަމަށް ޒަމާނާ އެއްގޮތަށް އައިސްފައިވާ ތަރައްގީ އާއި ދަނޑުވެރިކަމުގެ ދާއިރާ އިން ޒުވާނުންނަށް ހުޅުވިފައިވާ ފުރުސަތުތަކުގެ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ދަނޑުވެރިކަމުގައި މިހާރު ބޭނުންކުރަމުންދާ ޒަމާނީ ޓެކްނޮލޮޖީތައް ފެނިގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭ ފާށަނާ މާލަމުގައި މިއަދާ މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ އެ މައުރަޒު ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 23:00 އަށް ކުރިއަށްގެންދާނެ އެވެ. އަދި މައުރަަޒުގައި ހާއްސަ މައުލޫމާތު ދިނުމުގެ ސެމިނާތަކެއް ވެސް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ބައިނަލްއަގްވާމީ ދަނޑުވެރިކަމުގެ ދުވަހަކީ އޮގަސްޓް މަހުގެ 10 ވަނަ ދުވަސް ނަމަވެސް، އެދުވަސް ސަރުކާރުން ފާހަގަކުރަން ނިންމާފައި ވަނީ މިއަދެވެ. އަދި ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެން މިރޭ ހާއްސަ ޖަލްސާއެއް ވެސް އޮންނާނެ އެވެ.