16 Oct 2014, 16:49
ކްލިކް ކޮލެޖުން އިންތިޒާމުކޮށްގެން ބާއްވާ އެސްޓީއޯ ނޫފަހި 11 ވަނަ ކްލިކް ކޮލެޖް ކަޕް ފުޓްސަލް މުބާރާތް މާދަމާ ފަށާނެ އެވެ.
ފުޓްބޯޅަ އާއި ފުޓްސްލްގެ ގަވާއިދުތައް މިކްސް ކޮށްގެން ކުޅޭ މި މުބާރާތުގައި ޖުމްލަ ސާދަ ޓީމަކުން ބައިވެރިވެފައިވާއިރު ޓީމުތައް ނަގައިފައިވަނީ އެ ކޮލެޖްގައި ތައުލީމު ހާސިލް ކުރަމުންގެންދާ ދަރިވަރުންނާއި ލެކްޗަރާއިންގެ އިތުރުން މެނޭޖްމަންޓް ސްޓާފުންގެ ތެރެއިންނެވެ. އެއީ އަންހެން ފަސް ޓީމާއި ފިރިހެން ނުވަ ޓީމެކެވެ. އެކޮލްޖްގެ ކޮންމެ ކްލާހަކުން ޓީމެއް ވާދަކުރާއިރު އެކޮލެޖުން ވަނީ ވޭތުވެދިޔަ ފަސް އަހަރުވެސް ކާމިޔާބުކަމާއި އެކީ މިމުބާރާތް ބާއްވާފައެވެ.
މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 17 އަދި 18 ދެދުވަހުގެ ހެނދުނު 07:00 ން ފަށައިގެން 10:00ގެ ނިޔަލަށެވެ. އަދި މެންދުރު 14:00 އިން ފެށިގެން ރޭގަނޑު 22:00 ގެ ނިޔަލަށެވެ.
'ސިކްސްއަ ސައިޑް' އަށް ކުޅޭ މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އެކުވެނި ސްޓޭޑިއަމްގެ ވެލި ދަނޑުގައެވެ. މި މުބާރާތުގެ މެއިން ސްޕޮންސާގެ ގޮތުގައި އެސްޓީއޯ ނޫފަހި ހަމަޖެހިފައިވާއިރު ކޯސްޕޮންސާ އަކީ އޫރިދޫ އެވެ.
ކްލިކް ކޮލެޖް ކަޕް ފެށުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު ހަތެއް ޖަހާއިރު ޓްރެފިކް ޕޮލިސް ކުރިމައްޗަށް ވާގޮތަށް ސްޓޭޑިއަމްގައި އޮންނަ ވެލިދަނޑުގައި ބާއްވަން ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ވާދަކުރަނީ ނުކިޔޭނެ ނަމާއި ބީއެލްވީ އެވެ. އެއްފަހަރާ ދެމެޗު ކުޅޭއިރު މާދަމާ ޖުމްލަ 21 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑު އެވެ.
މި މުބާރާތަކީ ކްލިކް ކޮލެޖްގެ ފަރާތުން ކޮންމެ ސެމިސްޓާއެއްގައި އެކޮލެޖްގެ ދަރިވަރުންނާއި މަސަތްކަތްކުރާ
އެހެނިހެން ފަރާތްތަކުގެ މެދުގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތެކެވެ.
އެކޮލެޖުން އަންނަނީ މިނޫންވެސް ތަފާތު އިވެންޓްތައް ބާއްވަމުންނެވެ. މީގެ ތެރޭގައި ވޮލީ ބޯޅަ މުބާރާތަކާއި ބޮޑުބެރު ނައިޓްގެ ހަރަކާތްތަކުގެ އިތުރުން ފަންޑް ރައިސް ކުރުމަށްޓަކައި ހިންގާ ތަފާތު އިވެންޓުތައް ހިމެނެއެވެ. ނަމަވެސް މިހުރިހާ އިވެންޓުތަކަށްވުރެ ފުޓްސަލް މުބާރާތައް ލިބިފައިވާ މަގުބޫލުކަން މާބޮޑެވެ.