ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ނ. ވެލިދޫގައި ގާއިމުކުރާ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވެލިދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ކުޅިވަރާ ބެހޭ ވަޒީމު މުޙައްމަދު މަލީހު ޖަމާލްއާއި އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް (ދޮނާ) އެވެ.

ނ. ވެލިދޫ ސްޕޯޓްސް އެރީނާގައި ހިމެނޭ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް (ދޮނާ) ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ކިޔުންތެރިއެއް

ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ފަހު ވެލިދޫ ރައްޔިތުންނާ މުހާތަބުކުރައްވައި މިނިސްޓަރު މަލީހު ވިދާޅުވީ، މަސައްކަތް ހަވާލުކުރެވިފައިވާ ފަރާތުން އެ ދަނޑުގެ މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ވެލިދޫ ރައްޔިތުންނަށް މުހާތަބުކުރައްވައި މިނިސްޓަރު މަލީހު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ޔޫތު މިނިސްޓްރީ

"ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމުމަށް ފަހު، އަޅުގަނޑުމެން މިނިސްޓްރީން މަސައްކަތް ކުރާނީ، މި އަހަރު ނިމުމުގެ ކުރީން މި ދަނޑު ހުޅުވައި، ދަނޑުގެ ބޭނުން ވެލިދޫގެ ޒުވާނުންނަށް ހިފޭނެ މަގު ފަހިކޮށްދޭން،" މިނިސްޓަރު ވިދާޅުވި އެވެ.

ވެލިދޫގައި އެޅުމަށް މަސައްކަތް ކުރަމުންދާ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ތަފާތު ސަބަބުތަކާ ހެދި ލަސްވަމުން ދިޔަ ނަމަވެސް މިއަހަރުގެ ތެރޭގައި އެ މަރުކަޒުގެ މަސައްކަތްވެސް ނިންމައި އެތަން ބޭނުން ކުރެވޭފަދަ ހާލަތަކަށް ގެނައުމަށް ޔޫތު މިނިސްޓްރީން މަސަކަތް ކުރަމުން އަންނަ ކަމަށް މަލީހު ވިދާޅުވި އެވެ.
ވެލިދޫ ފުޓްސަލް ދަނޑުގެ މަސަކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށް ހާޒިރުވި ރައްޔިތުންނާ މިނިސްޓަރު މަލީހު ސަލާމްކުރައްވަނީ -- ފޮޓޯ: ޔޫތު މިނިސްޓްރީ

މިއަހަރަކީ ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރު ގާއިމްކޮށް ވަސީލަތްތައް ހޯދުމަށް މިނިސްޓްރީން އަމާޒު ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވައި މިނިސްޓަރު މަލީހު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް އެ މަސައްކަތުގެ ވެސް ބޮޑުބައެއް ހާސިލްކުރެވިފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީގެ ފަރާތުން ވެލިދޫގައި ގާއިމުކުރާ ސްޕޯޓްސް އެރީނާގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެ މަޝްރޫއުގައި ހިމެނޭ ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް، އެމްޓީސީސީން ވަނީ، ސަބްކޮންޓްރެކްޓަރ އުސޫލުން ވެލިދޫގެ އަމިއްލަ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ، ހުސްއަލި ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ.

އެފްއޭއެމާއި އަތޮޅު ކައުންސިލްތައް ގުޅިގެން އިންތިޒާމްކޮށްގެން މިހާރު ފަށާފައިވާ އަތޮޅު ފުޓްބޯޅަ މުބާރާތް އަންނަ އަހަރު ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ނިންމަވާފައިވާ ކަމަށްވެސް ޔޫތު މިނިސްޓަރު މަލީހު މިއަދު ވިދާޅުވި އެވެ.