ދިވެހި ފިލްމް އިންޑަސްޓްރީގެ ކަލަންޑަރުން އަނެއްކާވެސް ގަނޑެއް އެއްލުނީ އެވެ. މިދިޔަ އަހަރު ނިމިގެން ދިޔައިރު ފިލްމް އިންޑަސްޓްރީ ވަނީ ދިގު ފިލްމް ތަކުން ފިލްމީ ކަލަންޑަރު ފުރައިދީފަ އެވެ. އޮލިމްޕަސް ހޯދަން ހަދަން ޖެހުނު ސަފުތަކާއެކު ބައެއް ފިލްމުތައް މިއަހަރަށް ފަސްކޮށްލަން ޖެހުނެވެ. ފުލުފުލުން ފިލްމްތައް އައުމަކީ ދިވެހި ފިލްމް އިންޑަސްޓްރީގެ އަސްލު ޓްރެކަށް އެޅެމުންދާ ކަމުގެ ސިގްނަލެކެވެ.

ވޭތުވެދިޔަ އަހަރު އޮލިމްޕަހުގައި 12 ފިލްމެއް ޕްރިމިއާ ކުރިއިރު ކުރުފިލްމުގެ ލިސްޓަކީ ވެސް ވަކި ކުރު ލިސްޓެއް ނޫނެވެ. އެހެންނަމަވެސް ގިނަ ފިލްމުތައް ނުކުތުމަކީ ފިލްމުތަކުގެ ފެންވަރު ރަނގަޅުވުމެއް ނޫނެވެ. އެކަމަކު ފެންވަރު ރަނގަޅުވާންޖޭ ސަބަބަކުގެ ތެރޭގައި ގިނަ ފިލްމު އައުމާއި ގިނަ ތަޖުރިބާ ހާސިލުވުން ހިމެނިދާނެ އެވެ.
ޓެކްނިކަލް ގޮތުން ފިލްމަކީ ކިތަންމެ ކޮލިޓީ ދައް ފިލްމަކަށް ވިޔަސް ފިލްމުގެ ވިޔަފާރި ރަނގަޅުވެ އެވެ. ދިވެހި އޯޑިއަންސްއަކީ ރުއިމާއި ކަރުނައިން ފޯވެފައިވާ މެލޮޑްރާމާ ފިލްމް ތަކަށް ހޭނިފައިވާ އޯޑިއަންސަކަށްވުމުން ރާއްޖޭގައި އެގޮތް ވުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ.

ދިވެހި ފިލްމް އިންޑަސްޓްރީއަކީ ބޮލީވުޑް ފިލްމް އިންޑަސްޓްރީގެ "ކްލޯން" އަކަށް ވާއިރު މިދިޔަ އަހަރު ނުކުތް ގިނަ ފިލްމުތަކަކީ ވެސް އެންމެ ޓިޕިކަލް "ތިނެސްކަން ލޯބީ"ގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމުތަކެވެ. އެއީ ގޭތެރޭގެ ދިރިއުޅުމުގައި ނޫނީ ދެމަފިރިންގެ ތެރޭގައި ދިމާވައި ކޮންމެވެސް ހާދިސާއެއް މެއިން ތީމެއްގެ ގޮތުގައި ނަގައި އެކަން ބޮޑު ކޮށް މަސްހުނި ކޮށްލައިގެން އޯޑިއަންސް ކަރުނައިން ތެއްމަން އުފެއްދިފައި ހުރި ފިލްމުތަކެވެ.
"ނިއުމާ" އާއި "ހެޔޮނުވާނެ" ފަދަ ވިޔަފާރީގައި ކާމިޔާބު ފިލްމުތަކުގައި ޑައިރެކްޓަރުން ކޮންމެވެސް ވަރަކަށް ކޮންސެޕްޓް ބޭސިސްއަށް ފިލްމު ހަދަން މަސައްކަތް ކޮށްފައި ހުރިތަން ފެނުނެވެ.

މިސާލަކަށް ފިލްމް ނިއުމާގެ ވާހަކަ ބިނާވެފައި ވަނީ އޭނާގެ ބައްޕަގެ ފަރާތުން ޖިންސީ އަނިޔާ ލިބޭ އަންހެން ކުއްޖެއްގެ ހަޔާތުގެ މައްޗަށެވެ. އެ އޮތީ ތަފާތު، ދިވެހިންގެ މުޖުތަމައާއި ގުޅޭ ކޮންސެޕްޓެކެވެ. އެހެންނަމަވެސް އެ ފިލްމުވެސް ހިމެނޭ ގޮތަށް 20 ޝޯ ފުލްވެ ހިޓް ފިލްމުގެ ބޯޑު އެޅުވުނު ފިލްމުތަތަކުގައިވެސް ކިތަންމެ ހަޑިއެއް ޑައިރެކްޓަރުން ވަނީ ހާވާފަ އެވެ. ފިލްމުގެ ކޮންސެޕްޓް ކިތަންމެ ރަނގަޅަސް ރަނގަޅު ސްކްރީން ޕުލޭއެއް ނެތްނަމަ އެ ފިލްމެއްގެ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ. މިދިޔަ އަހަރުގެ ގިނަ ދިވެހި ފިލްމުތަކުގެ ހާލަތަކީ ވެސް އެއީ އެވެ.

މިދިޔައަ އަހަރު ފިލްމް އިންޑަސްޓްރީ ފެށީ އޯޑިއަންސް ބިރުގަންނަވައި ލަމުންނެވެ. އެއީ ޑައިރަކްޓަރު ފައްތާހުގެ "ޖިންނީ"ގެ ބިރުވެރި ކަމެވެ. އެ ފިލްމުގައި ވެސް ކާމިޔާބުގެ ބޯޑު އެޅުވިއެވެ. ހަގީގަތުގައި އެއީ ރިއަލިޒަމް ނުވަތަ އަސްލުވަންތަކަން "މަރާލާފައި"ވާ ފިލްމެކެވެ.

އެންމެ ހައިރާންކުރުވަނިވި ކަމަކަށް ފިލްމް އިންޑަސްޓްރީން ދެން ފެނިގެން އައީ، ކުރިން "ހެޕީބާތް ޑޭ"އާއި "ހޭލާ" ވެސް އުފައްދާފައިވާ ޝިފާއުގެ "ދިންވޭނުގެ ހިތާމަ" އެވެ. އެ ފިލްމުވެސްވީ ދިންވެހިން ވަރަށް ބޮޑަށް ފޫހިވެފައިވާ ކޮންސެޕްޓެޕްޓެއްގެ ފިލްމަކަށެވެ. މުޅި ފިލްމަކީ ވެސް މެލޮޑްރާމާކެވެ. އުފެއްދުމުގައި ޝިފާއުގެ ކުރިއޭޓިވިޓީ ގެއްލި، ފިލްމުގެ ވިޔަފާރި ރަނގަޅު ކުރުމަށް ދިވެހި ފިލްމެއްގައި ދުވަހަކު ލަވަ ހިމަނާފައި ނެތް ވަރަށް ލަވަތައް ހިމަނައިފައި ވެއެވެ. ހަގީގަތުގައި ފިލްމް އޮތީ މަސްހުންޏަކަށް ވެސް ބޮނޑިބަތަކަށް ވެސް ނުވާ ގޮތަކަށެވެ. ފިލްމް އިންޑަސްޓްރީއަށް ބަދަލެއް ގެނައުމަށް ކުރަމުން އައި މަސައްކަތަށް މި ފިލްމާ ހަމައިން ހިސާބެއްގެ މަޑުޖެހިލުމެއް އައި ކަމަށް ސިފަކުރެވިދާނެއޭ ބުނުމަކީ ހަގީގަތެކެވެ.

ދިވެހި ފިލްމް އިންޑަސްޓްރީއާއި މެދު މިނިވަން ހިޔާލަކުން ވިސްނައި އަދި މެލޭޝިޔާގެ ލިމްކޮކް ޔުނިވާސިޓީން މާސްކޮމިޔުނިކޭޝަން އާއި ފިލްމް އެންޑް ތެލެވިޒަން އިން ޑިގްރީއެއް ހާސިލް ކުރައްވާފައިވާ ހިއްލަތު ރަޝީދު ވިދާޅުވަނީ "ދިވެހި ފިލްމް ތަކުގައި އަބަދު އެއްކަމެއް. ރުއިން، ހިތާމަ، ކައިވެނި، ވަރިކުރުން، ކޮބައި އަނެއް ސައިޑް، ކޮބާ މުޖުތަމައުގަ ހުރި މައްސަލަތައް. އެއަށް އެޑްރެސްއެއް ނުކުރެވޭ. އަބަދު އެކައްޗެއް. މިއެއް ނޫނޭ ފިލްމަކީ. ކޮބާތަ ފިލްމެއްގަ ރިއަލިޒަމް. އެ މިއޮތީ ދިވެހި ފިލްމުތަކުން ގެއްލިފަ،" ހިލްއަތު ވިދާޅިވި އެވެ.
ފިލްމް އިންޑަސްޓްރީގެ ވާހަކަ ދައްކާއިރު ކުރުފިލްމުތަކުގެ ވާހަކައަކީ ދިގު ވާހަކައެކެވެ. ނުލިޔެ ދޫކޮށްލެވެވެންވެސް ނެތް ވާހަކަ އެކެވެ. ފަހަކަށް އައިސް ކުރު ފިލްމުތަކުގެ ލިސްޓް ދިގުވެފައިވިޔަސް މިދިޔަ އަހަރު ބާޒާރަށް ނުކުމެފައިވަނީ ވިއްސަކަށް ކުރު ފިލްމެވެ. އެ ފިލްމުތަކުގެ ކޮލިޓީގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެއިން ސުރުހީއަޅަން ވެސް ހެޔޮނުވާނެ އެވެ.

ވިޔަފާރީގެ ފައިދާއަށް ފިލްމް ނެރެ ވިއްކާއިރު، ބަޔަކަށް ބަލައިލެވޭ ފެންވަރުގެ ޕުރޮޑަކްޓެއްތޯ ވެސް ބަލައިލަން ޖެހެ އެވެ. ވިޔަފާރީގެ ފައިދާއަށްވުރެ ބޮޑަށް ފިލްމް ޕުރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވިސްނަންވީ ސިޓިންރޫމުތަކުގައި ތިބެ ބަލައިލެވޭ ކޮލިޓީގެ ފިލްމުތައް ގެނެސް ދިނުމެވެ.

"މޫނު ބަލާ ލޯގަނޑު" ކަމަށް ހަދައިގެން ބަލައި ބޮލީވުޑްވެސް ޒަމާނަށް އަންނަ ބަދަލުތައް ފޮލޯކުރެ އެވެ. އެހެން ކަމުން ދިވެހި ޑައިރެކްޓަރުންވެސް އެ ބަދަލަށް ހޭނެން ޖެހެ އެވެ. ތިނެސްކަން ލޯބީގެ މެލޮޑްރާމާ ފިލްމުތަށް ދެކެ އޯޑިއަންސް ފޫހިވެ، ކޮންސެޕްޓް ރިއަލިޓީ ބޭސްޑް ފިލްމުތައް ދެކެ ގަޔާވާކަން އެއީ މިއަދު ޕުރޮޑިއުސަރުންނާއި ޑައިރެކްޓަރުން ގަބޫލުކުރަންޖެހޭ ކަމެކެވެ. ފިލްމީ އަހަރު ނިންމާލަން ޖެހުނީ މާޔޫސް ކަމާއި ފޫހިކަން ހިތްތަކަށް ވެރިކުރުވައިގެން ކަމަށް ވިޔަސް އާ އަހަރަކީ ކާމިޔާބު އަހަރަކަށް ހެދިދާނެ އެވެ.

"ކޮންސެބްޓް ބޭސްޑް ފިލްމުތައް އަޅުގަނޑުމެން ހަދަންވީ. އޭރުން ކުރިއަރާނީ. ބޮލީ ވުޑްވެސް މިހާރު އެ މިސަރާބަށް އެ ދަނީ. އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކުވެސް ފިލްމް އިންޑަސްޓްރީއަކީ ކޮލިޓީ ފިލްމުތައް ގެނެސްދޭ އިންޑަސްޓްރީއަކަށް ހެދިދާނެ،" ފިލްމު އުފެއްދުމާއި ޑައިރެކްޝަންގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ މުހައްމަދު ނިޔާޒު (ޓެޑްރީ) ވިދާޅުވި އެވެ.

ފިލްމީ ދާއިރާއަށް ކުރި ނޭރެންވީ ސަބަބެއްނެތެވެ. ހޮލީވުޑް ފެންވަރަށް ފިލްމް ނުއުފެއްދުނަސް މިހާރަށްވުރެ ރަނގަޅު ފިލްމުތައް ހެދޭނެ އެވެ. ކޮލިޓީ ވެސް ކުރޭނެ އެވެ. ޓެކްނިކަލް ގޮތުން ކޮމެންޓެއް ކޮށްލެވޭ ފިލްމަކަށް ދިވެހި ފިލްމުތައްވެސް ހަދާލެވިދާނެ އެވެ.

"ވަރަށް ކުދި ކުދި އެއްޗިހި ވެސް އެބަހުރި އަޅުގަނޑުމެންނަށް ހަދާލެވޭނެ. މިސާލަކަށް މާލެއައިސް އުޅޭ ނިކަމެތެތި އަންހެން ކުއްޗެއް އުޅެން ޖެހޭ ހާލު ދައްކާލެވިދާނެ. ނޫނީ ގޭންގް ފައިޓްއަކުން އަނިޔާ ލިބިފައިވާ މީހެއްގެ ވާހަކަ ވެސް ހެދިދާނެ،" މިނިވަން ބްލޮގާ، ހިއްލަތު ރަޝީދު ވިދާޅުވި އެވެ.