16 Oct 2014, 14:52
އދ. މާމިގިލީގައި ތިބި ޖުމްހޫރީ ޕާޓީގެ ގިނަ މެމްބަރުންތަކެއް ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިއްޖެ އެވެ.
މިއަދު މެންދުރު ފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިޔާތުގައި މާމިގިލިން ޕީޕީއެމްއާ ގުޅުނު 104 މެމްބަރުންގެ ފޯމް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ވަނީ ހަވާލުކޮށްފަ އެވެ.
ޕީޕީއެމްއާ ގުޅުނު މެމްބަރުންގެ ފޯމުތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިޔާތުގައި ކުރީގެ ރައީސް މައުމޫން ވިދާޅުވީ، މާމިގިލީގައި މީގެ ކުރިން ތިބީ ޕީޕީއެމްގެ 34 މެމްބަރުން ކަމަށާއި އެރަށުން ގިނަ ބަޔަކު އެ ޕާޓީއާ ގުޅުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ގިނަ މެމްބަރުންތަކެއް ތިބޭ މާމިގިލިން ޕީޕީއެމްއާ މެމްބަރުންތަކެއް ގުޅުމަކީ އިތުރު މެމްބަރުންތަކެއް ގުޅުމަށް ލިބިގެންދާނެ ބާރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
" މާމިގިލީގެ އެހާގިނަ ރައްޔިތުންތަކެއް ޕީޕީއެމްއަށް ގުޅިވަޑައިގަތުމަކީ މި ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަދި އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި އެރަށުގައި ތިއްބެވި ޕީޕީއެމް މެމްބަރުންގެ އަދަދު އިތުރުކުރުމަށްވެސް ލިބިގެންދާ ބާރެއް. ހަމަ އެއާއެކު އދ. އަތޮޅުގެ އެހެން ރަށްރަށުންވެސް ޕީޕީއެމްއަށް ގުޅިވަޑައިގަންނަވާން ބޭނުންވާ ބޭފުޅުނަށް ހިތްވަރަށްކަށްވެސް ވެގެންދާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
މާމިގިލިން ޕީޕީއެމްއަށް މެމްބަރުންތަކެއް އިތުރު ކުރުމަށް މަސައްކަތް ކުރި މީހުން ކޮށްފައިވަނީ ވަރަށް ބޮޑު "ހިދުމަތެއް" ކަން ފާހަގަ ކުރައްވަމުން އަދިވެސް މާމިގިލީގައި އެޕާޓީއަށް މެންބަރުން އިތުރުކޮށްދިނުމަށް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
މާމިގިލިން ޕީޕީއެމްއަށް ސޮއި ކުރި މެމްބަރުންގެ ފޯމްތައް ހަވާލުކުރުމުގައި އިސްކޮށް އުޅުނު މުހައްމަދު ރަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ، ޕީޕީއެމްއާ އަލަށް ގުޅުން މީހުންގެ ތެރޭގައި ގިނަ އީ ޖުމްހޫރީ ޕާޓީގައި ކުރިން ތިބި މެމްބަރުން ކަމަށެވެ. ނަމަވެސް ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނާއި އެމްޑީޕީ މެމްބަރުންވެސް މަދުން ހިމެނޭ ކަމަށް އެނާ ބުންޏެވެ. އޭނާ ބުނީ ޖުމްހޫރީ ޕާޓީގެ ގިނަ ބަޔަކު ޕީޕީއެމްއާ ގުޅުނީ ޖުމްހޫރީ ޕާޓީން ކަންތައްތައްކޮށް ނުދޭތީ ކަމަށް ބުނެ ކަމަށެވެ.
" ޖުމްހޫރީ ޕާޓީގައި ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ވާނެ. [ ޕީޕީއެމަށް ސޮއި ކުރީ] އަޅުގަނޑުމެން ބޭނުންވާ ކަންތައްތަށް ޖުމްހޫރީ ޕާޓީއަށް ނުކޮށްދެވޭތީ. އަޅުގަނޑު ދެކޭ ގޮތުގައި ޕީޕީއެމް ނޫނިއްޔާ ނެތް މިކަން ކަން އަޅުގަނޑުމެނަށް ފުރިހަމަ ކޮށްދެވޭނެ ޕާޓީއެއް،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން "އެންމެ ގިނަ ސައްހަ މެމްބަރުން"ތިބީ ޕީޕީއެމްގައި ކަމަށާއި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ.