ސްރީލަންކާ ސިފައިން ތަމަޅައިންނާ ދެކޮޅަށް ހަނގުރާމަ ކުރި ދުވަސްވަރު އެ މީހުން ހޯދާފައިވާ ގަހަނާތަކެއް ތަމަޅައިންނަށް އަނބުރައި ރައްދުކުރަން ފަށައިފި އެވެ.

ސްރީލަންކާ ސިފައިން ބުނި ކަމަށް އިންޑިއާގެ ޒީނިއުސް ބުނީ ތަމަޅައިން ބަލި ކުރި ހަނގުރާމައިގައި މީގެ ފަސް އަހަރު ކުރިން ހަނގުރާމައިގެ މައިދާނަކުން ހޯދާފައިވާ ގަހަނާތަކެއްގެ ތެރެއިން ހާމަ ނުކުރާ އަދަދެއްގެ ގަހަނާ ރައްދުކުރަން ފަށާފައިވާ ކަމަށެވެ.

"... ގާނޫނީ ގޮތުން މިލްކުވެރިކަން ސާބިތުވާ 2277 މީހުން ސަލާމަތީ ބާރުތަކަށް ވަނީ ފާހަގަ ކުރެވިފައި. އަދި ރައީސް މަހިންދަ ރާޖަޕަކްސާ އުތުރު ޕްރޮވިންސަށް ހަފުތާ ބަންދުގައި ކުރެއްވި ދަތުރުފުޅުގައި އޭގެ ތެރެއިން 25 މީހަކަށް އެމީހުންގެ ރަން ގަހަނާތައް ވަނީ ހަވާލުކޮށްދެއްވާފައި،" ސްރީލަންކާ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ކަމަށް ޒީ ނިއުސްގެ ހަބަރުގައިވެ އެވެ.

ގަހަނާގެ މިލްކުވެރިން އެތަކެތި ހޯދުމަށް ހުށަހެޅުމަށް ސިފައިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެތަކެތި ތަމަޅަ ޓައިގަރުން އަތުގައި ބެހެއްޓުމުން އެމީހުން ދޫކޮށްފައިވާ ރަޝީދަކީ ހެއްކެއް ކަމަށް ގަބޫލުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ތަމަޅައިންގެ ބާރު އެންމެ ގަދަވި ދުވަސްވަރު އެމީހުން ވަނީ ބޭންކެއް ހިންގާފަ އެވެ. އަދި ރަހުނުގެ ގޮތުގައި ގަހަނާ ބެހެއްޓުމަށް ފަހު އެމީހުން ދިޔައީ އާއްމުންނަށް ލޯނުވެސް ދޫކުރަމުންނެވެ.

ސްރީލަންކާ ސިފައިން ބުނެފައި ވަނީ ހަނގުރާމައިގެ މައިދާނަށް ދޫކޮށްފައިވާ ރަން އެމީހުން ހޯދާފައިވާ ކަމަށެވެ. އަދި އޭގެ ވެރިއަކު ނުހޯދޭ ތަކެތި ހަވާލުކުރާނީ މަރުކަޒީ ބޭންކާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.