އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަނބިކަނބަލުން އާފިޔާ ވަހީދު ހިއްސާވާ ގޮތަށް ދުބާއީގެ ވިޔަފާރިވެރިއަކާ އެކު ކުންފުންޏެއް ރަޖިސްޓްރީ ކުރި މައްސަލައިގައި ދައުލަތުން ކުރި ޖިނާއީ ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު 'ސަން' އަށް ވިދާޅުވީ އާފިޔާގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

މުހުތާޒު ވިދާޅުވީ އެ ދައުވާ އަނބުރާ ގެންގޮސްފައި ވަނީ ވަޒީރުންގެ އަނބިކަނބަލުންގެ ނަންފުޅުގައި ކުންފުނި ރަޖިސްޓްރީ ކުރުމަކީ ކޮރަޕްޝަންގެ ކުށެއް ކަމަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާ ބާތިލް ކުރުމަށް އެދި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާތީ ކަމަށެވެ.

އާފިޔާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށްދަނިކޮށް ނުވަތަ އެ މައްސަލައިގެ ހުކުމް އިއްވާފައިވަނިކޮށް ވަޒީރުންގެ އަނބިކަނބަލުން ހިއްސާވާގޮތަށް ކުންފުނި ހެދުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ މާއްދާ ބާތިލުކޮށްފި ނަމަ އެކަމުގެ ސަބަބުން އޭނަ އަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ. އަދި އެ މައްސަލަ އަނބުރާ ގެންދިޔުމުގެ ކުރިން އެންޓިކޮރަޕްޝަން ކޮމިޝަނާ ވެސް މަޝްވަރާ ކުރައްވާފައިވާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

ޝަހީމްގެ އަނބިކަނބަލުން ހިއްސާވާ ގޮތަށް ކުންފުނި ރަޖިސްޓްރީ ކޮށްފައި ވަނީ ޒަކާތު ފަންޑަށް ކޮންމެ މަހަކު 10،000 ޑޮލަރު ހަދިޔާ ކުރާނެ ކަމަށް ބުނި ދުބާއީގެ ވިޔަފާރިވެރިޔާއާ އެކު އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ވެސް 125 އަށް ވުރެ ގިނަ ފިހާރަ ހިންގަމުން ގެންދާ "ޕިއޯ ގޯލްޑް ޖުވެލާސް"ގެ ޗެއާމަން ފީރޯޒް އެކުންފުނީގެ ވެބްސައިޓުގައި ވިދާޅުވެފައި ވަނީ އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ 25 އެއާޕޯޓެއްގައި ޑިއުޓީ ފްރީ ފިހާރަތައް ހުޅުވުން ކަމަށެވެ. އެގޮތުން މިހާރު ވެސް އިންޑޮނޭޝިއާ އާއި މެލޭޝިއާ އީޖިޕްޓް އަދި ދިވެހި ރާއްޖޭގެ ޑިއުޓީ ފިހާރަތަކުގައި އެ ކުންފުނީގެ ފިހާރަތައް ހުޅުވުމަށް މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެނާ ވަނީ ވިދާޅުވެފަ އެވެ.

ވަޒީރުންގެ އަނބިކަނބަލުންގެ ނަންފުޅުގައި ކުންފުނި ރަޖިސްޓްރީ ކުރުމަކީ ކޮރަޕްޝަންގެ ކުށެއް ކަމަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާ ބާތިލް ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ.