މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދަ ހިދުމަތް ލިބޭ ފާމަސީތައް ގާއިމުކުރުމަށް އެސްޓީއޯ އިން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ތ. ވިލުފުށީގައި ވެސް އެ ކުންފުނީގެ ބޭސް ފިހާރައެއް ހުޅުވައިފި އެވެ.

އެސްޓީއޯ އިން ބުނީ، ވިލުފުށީގައި ހުޅުވި ބޭސް ފިހާރަ އިން އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ. ވިލުފުށީގައި ހުޅުވި ބޭސްފިހާރައާ އެކު އެސްޓީއޯގެ ބޭސް ފިހާރަތަކުގެ އަދަދު މިހާރު 38 އަށް އަރަ އެވެ.

އެ ކުންފުނިން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުވުމަށް ކުރިއަށް ގެންދާ މަސައްކަތަށް ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ، ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށްވުން ކަމަށެވެ.

ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.