16 Oct 2014, 14:21
ހުޅަނގު ދެކުނު ހާބަރުގެ ސަރަހައްދު ސާފުކުރުމަށް އެ ސަރަހައްދުގައި ބަހައްޓާފައިވާ އުޅަނދުތައް ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފު މިއަދު ސަން އަށް ވިދާޅުވީ ހުޅަނގު ދެކުނު ހާބަރު ސާފުކުރުމަށް ނިންމާފައި ވަނީ މިދިޔަ ރޯދަ މަހު ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ކަމަށާއި އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އެ ސަރަހައްދު ސާފުކުރަންް އުޅެގެން ވެސް ވެހިކަލްތަކާ ހެދި އެ މަސައްކަތް ނުކުރެވިފައިވާ ކަމަށެވެ.
"އަހަރުތަކެއް ވެއްޖެ އެ ސަރަހައްދު ސާފުނުކުރެވޭތާ. ވަރަށް ބޮޑަށް ހަޑިވެ ބިންގަނޑު އަޑި ގުޑަންވެފައި އޮތީ. އެއީ ވަރަށް ބޮޑު މަަަސައްކަތަކެއް އެހެންވެ އެތަކެތި ހުރެގެން އެކަންތައް ނުކުރެވޭތީ ވެހިކަލްތައް ނަގަން ނިންމީ،" ސަމާއު ވިދާޅުވި އެވެ.
ސަމާއު ވިދާޅުވީ އެ ސަރަހައްދު ސާފުކޮށް ނިމިގެން އަލުން ވެހިކަލްތައް ޕާކްކުރުމާ މެދު އަދި ކައުންސިލުން ވަކި ގޮތެއް ނުނިންމާ ކަމަށާއި އެ ސަރަހައްދު ބޭނުންކުރާނެ ގޮތަކާ މެދު މަޝްވަރާކުރާނީ ސާފުކޮށް ނިމުނީމަ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހާބަރު ސަރަހައްދުގެ ފިހާރަތަކާއި ކެފޭތަކުގެ ކުރިމަތީގައި އޮންނަ ހުސްބިންތައް ސާފުކުރުމުގެ މަސައްކަތް ކުރަމުން ގެންދާތީ އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ވެހިކަލްތަކާއި ތަކެތި އަންނަ ހޮނިހިރު ދުވަހުގެ ނިޔަކަށް ނެގުމަށް ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި އެ ސަރަހައްދުގައި ހުރި ވެހިކަލްތައް އެތަކެތީގެ ވެރިފަރާތުން ނުނަގައިފި ނަމަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން އެތަކެތި ނަގާނެ ކަމަށާއި އެތަކެތި ނަގައިގެން ލިބޭ ނުވަތަ ނެގުމަށް ފަހު ލިބޭ ގެއްލުމެއްގެ ޒިންމާ އެ ކައުންސިލުން ނުނަގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.