ކުއަލަލަމްޕޫރު، މެލޭޝިއާ (އޭޕީ) – އިރާގާއި ސޫރިޔާގައި އިސްލާމީ ޚިލާފަތުގެ ނަމުގައި ދައުލަތެއް އިއުލާންކޮށްފައިވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ 14 މީހަކު މެލޭޝިއާ އިން ހައްޔަރުކޮށްފި އެވެ.

މެލޭޝިއާގެ ފުލުހުން އިއްޔެ ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ އަންހެނުންނާއި ދަރިވަރަކު ވެސް ހިމެނޭއިރު، ވޭތުވެ ދިޔަ ހަތް މަސްތެރޭގައި އައިއެސްއާ ގުޅުން ހުރި 36 މީހަކު އެގައުމުން ހައްޔަރުކޮށްފައިވެ އެވެ.

މެލޭޝިއާ ފުލުހުންގެ ޝީފް ކާލިދް އަބޫބަކުރު އިއްޔެ ވިދާޅުވީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މެލޭޝިއާގެ މެދުތެރޭގެ އަވަށެއް ކަމަށްވާ ސެލަންގޯގެ ރެސްޓޯރެންޓަކުން ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހުންނަކީ ސީރިއާގައި ހަނގުރާމަ ކުރުމަށް މެލޭޝިއާ އިން މީހުން ފޮނުވާ އެކަމަށް ސްޕޮންސާ ކުރާ އިސް ބައެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހައްޔަރުކުރި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ފަސް މެންބަރުން ހިމެނޭ. އަދި ތުހުމަތު ކުރެވޭ ގޮތުގައި އެމީހުންނަކީ އައިއެސް އާ ގުޅުމަށް ސީރިއާއަށްދާން ދަތުރުހަދަމުންދިޔަ ބައެއް،" ކާލިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހަނގުރާމަ އަށާއި ޓެރަރިޒަމްއަކަށް އެގައުމުގައި ޖާގައެއް ނެތް ކަމަށާއި އެފަދަ ހަރަކާތްތައް އެގައުމުން އަބަދުވެސް ފާރަވެރިވަމުންދާ ކަމަށެވެ.

އައިއެސްއާ ގުޅުންހުރި ބަޔަކު މެލޭޝިއާއިން ހައްޔަރުކޮށްފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި އެގައުމުގެ ފުލުހުން ވަނީ އައިއެސް އާ ގުޅުމަށް ސީރިއާއަށް ފުރަން އުޅުނު ތިން މީހަކު އެއާޕޯޓުން ވެސް ހައްޔަރުކޮށްފަ އެވެ.

މިދިޔަ ޖޫން މަހު މެލޭޝިއާގެ ފޮރިން މިނިސްޓަރު ވިދާޅުވީ، އައިއެސްއާ އެކު ހަނގުރާމަކުރުމަށް މެލޭޝިއާ އިން ދިޔަ މީހުންގެ ތެރެއިން 15 މީހުން ސޫރިއާގައި މަރުވެފައިވާ ކަމަށެވެ.