އެޕަލް އިން އަލަށް ނެރެން ހަމަޖައްސައިފައިވާ އައިޕެޑް އެއަރ 2 އަދި އައިޕެޑް މިނީ 3 ރިލީސްކުރުމުގެ ކުރިން އައިޓިއުންސްގައި އޭގެ ޕޮޓޯތައް ލީކުވެއްޖެ އެވެ.

މިއަދު ހަވީރު ނެރޭނެ ކަމަށް ޚަބަރުތައް ފެތުރިފައިވާ އައިޕެޑްގެ އާ ސީރީސް ގެ ފޮޓޯތައް ފެނިފައި ވަނީ އައިޓިއުންސްގެ އައިބުކްސްބައިގެ އެޕަލް އައިއޯއެސް 8 އޮޕެރޭޓިން ސިސްޓަމް ޔޫސަރ ގައިޑްގަ އެވެ.

ފޮޓޯ ތަކުން ފެންނަ ގޮތުގައި އެޕަލް އައިޕެޑްގެ ސީރީސް ތަކުގައި އާ ފީޗަރަކަށް ޓަޗް އައިޑީ ފިންގަރޕްރިންޓް ސްކޭނާ ހިމަނައިފައިވެ އެވެ. އޭގެ އިތުރުން އައިޕެޑް އެއަރ 2 ގައި "ބަރސްޓް މޯޑް" ހިމެނެ އެވެ. އެއީ ފަސޭހައިން ފޮޓޯ (ރެޕިޑް ފަޔަރކޮށް) ނެގޭ ފީޗާ އެކެވެ. މިދެ ފީޗާ ފިޔަވައި އައިޕެޑްގެ އާ ސީރީސް ތަކުގައި ކުރީގެ އައިޕެޑް ތަކާ މާބޮޑު ތަފާތެއް ފެންނާކަށް ނެތެވެ.

ޓެކްނޮލޮޖީ ކޮލަމިސްޓެއް ކަމަށްވާ މައިކަލް އެންޑްރޫސް އަދި ޓީމުން ނެރުނު "ދަ މައިކަލް ރިޕޯޓް" ގައި ބުނެފައި ވަނީ އައިޕެޑްގެ ސީރީސްތައް ލީކުވެފައި ވަނީ އެޕަލްގައި މަސައްކަތް ކުރާ ފަރާތެއްގެ ފަރާތުން ކަމަށް ޝައްކުވާ ކަމަށެވެ. އެ ރިޕޯޓްގައި ވާ ގޮތުން އައިޕެޑް އެއަރގެ ގޯލްޑް ކުލަ ވެސް މިފަހަރު ލިބެން ހުންނާނެ އެވެ. މީގެ އިތުރުން އައިޕެޑް އެއަރގެ ފުރަތަމަ ޖެނެރޭޝަންގައި ހުރި ފަސް މެގަ ޕިކްސެލް ކެމެރާގެ ބަދަލުގައި އާ އައިޕެޑް ސީރީސްތަކުގައި ހުންނާނީ އަށް މެގަޕިކްސެލްގެ ކެމެރާ އެވެ.

އެންޑްރޫ ރިޕޯޓްގައި އިތުރަށް ފާހަގަ ކޮށްފައި ވާ ގޮތުގައި 16 ޖީބީގެ ބަދަލުގައި އެޕަލް އައިޕެޑް އާ ސީރީސްގައި ބޭނުން ކޮށްފައިވާނެ ކަމަށް ބެލެވެނީ 32 ޖީބީ، 64 ޖީބީ، އަދި 128 ޖީބީއެވެ. ޑިސައިން ތަކަށް މާބޮޑު ބަދަލެއް އައިސްފައި ނުވާނެ ކަމަށް ލަފާކުރިއަސް 0.5 މިލިމީޓަރު އައިޕެޑް އެއަރ 2 ތުނިވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ވެއެވެ.

އައިޕެޑް އެއަރ 2 އަދި އައިޕެޑް މިނީ 3 ރިލީސް ކުރާ އިވެންޓްގައި އޯއެސް އެކްސް ޔޮސިމައިޓް އޮޕެރޭޓިން ސިސްޓަމް ގެ މައުލޫމާތު ހިއްސާކުރުމާއި އާ ރެޓީނާ ޑިސްޕްލޭ އައިމެކް ވެސް ދައްކާލާނެ ކަމަށް ވަނީ ހަބަރު ފެތުރިފަ އެވެ.
އެޕަލްއިން ގަބޫލުކުރާ ގޮތުގައި އާ އައިޕެޑް ތަކުން އެކުންފުނީގެ ޓެބްލެޓްސް ތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އެވެ. ސްމާރޓް ފޯނު ތަކަށް މީހުން ބަދަލުވެފައި ވުމުން އައިޕެޑް ތަކުގެ ވިޔަފާރި ވަނީ ކުރިއާ އަޅާ ބަލާއިރު ދަށްވާން ފަށައިފަ އެވެ. 2010 ވަނަ އަހަރުން ފެށިގެން އައިޕެޑް ތަކަށް މާ ބޮޑު ބަދަލު ތަކެއް އައިސްފައި ނުވި ނަމަވެސް ޓެބްލެޓް މާކެޓުގައި މިއަދުވެސް އެއްވަނައިގައި އޮތީ އައިޕެޑެވެ.

އެޕަލް އިން ވަނީ މިދިޔަ މަހު އައިފޯންގެ އާ ސީރީސް ކަމުގައިވާ އައިފޯން 6 އަދި އައިފޯން 6 ޕްލަސް ނެރެ އެޕަލް ވޮޗް ދައްކައިލައިފަ އެވެ.