16 Oct 2014, 13:36
މަޝްހޫރު މުއާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ޕާޓްނާޝިޕް އެގްރީމެންޓެއްގެ ދަށުން ލިންކް ސާވްގެ ފިހާރައެއް އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ހުޅުވައިފި އެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފިހާރަ ހުޅުވައި ދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
ލިންކް ސާވްގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އަހުމަދު ރިޒުވީ މިއަދު "ސަން" އަށް ވިދާޅުވީ އުރީދޫއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިއަދު އައްޑޫ ސިޓީގައި ހުޅުވި ފިހާރައިން ލިންކް ސާވް އިން ވިއްކަމުން އަންނަ ތަކެތީގެ އިތުރުން އުރީދޫ އިން ދެމުން އަންނަ ޚިދުމަތްތަކާއި ފޯރުކޮށްދޭ ވަސީލަތްތައް ލިބެން ހުންނާނެ ކަމަށެވެ.
އެގޮތުން ލިންކް ސާވް އިން އައްޑޫ ސިޓީ އާއި ހުޅުމާލޭގައި ހަދާފައިވާ ފިހާރަ އިން އުރީދޫގެ ބިލްތަކަށް ފައިސާ ބަލައިގަތުމާއި ސިމްކާޑް ވިއްކުމުގެ އިތުރުން ރާސްޓަސްގެ ޚިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މާލޭގައި ހުންނަ ފިހާރައިން މިވަގުތު ލިބެން ހުންނާނީ އުރީދޫ އިން ދާދިފަހުން ތައާރަފުކޮށްފައިވާ ވައިފައި ޑިވައިސް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
އުރީދޫ އިން ބުނީ ހިތަދޫގައި ހުޅުވި ސޭލްސް ޕާޓްނަރ ފިހާރައިގެ ސަބަބުން ހިތަދޫގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކީ އުރީދޫގެ ގިނަގުނަ ޑޭޓާ ޑިވައިސްތައް ކަމަށްވާ ޑޮންގަލް، މައިފައި، ރައުޓާ އަދި އެކްޓިވޭޝަން، ރީޗާޖު އަދި ރާސްޓަސްގެ އިތުރުން ބިލް ދެއްކުމުގެ ޙިދުމަތް ވެސް ލިބިގެންދާނެ ކަމަށެވެ.
އެފިހާރަ ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން ރޭގަނޑު 23:00 އަށެވެ.