ވަޒީފާއިން ވަކިކޮށްފައި ހުންނަވަނިކޮށް ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް ވަޒީފާ އަނބުރާ ހޯއްދެވިތާ އެންމެ 11 ދުވަސް ފަހުން، ވަޒީފާގައި ދެމި ހުންނެވުމުގައި ދަތިތަކެއް ހުރި ކަމަށް ވިދާޅުވެ ކާނަލް މުހައްމަދު ނާޒިމް މިއަދު ވަޒީފާ އިން އިސްތިއުފާދެއްވައިފި އެވެ.
ވަޒީފާ އިން ވަކިވެވަޑައިގެން ނާޒިމް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ސިފައިންގެ ކާނަލެއްގެ ވަޒީފާގައި ހުންނަވައިގެން ގައުމަށް ހިދުމަތް ކުރުމަށް ދަތިތަކެއް ހުރި ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަދި ސިފައިންގެ ވަޒީފާ އިން އިސްތިއުފާ ދެއްވުމުން އެމްއެންޑީއެފް އިން ވަނީ އެކަން ގަބޫލު ކުރައްވައި ޝަރަފުވެރިކަމާ އެކު ސިފައިންގެ ވަޒީފާ އިން ވަކިވި މީހެއްގެ ގޮތުގައި އޭނަ ކަނޑައަޅާފައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މިމަގާމުގައި ދިވެހި ގައުމަށް ހިދުމަތް ކުރުމަށް އެމްއެންޑީއެފްގައި ދެމި ހުރުމުގައި ދަތިތަކެއް ހުރި ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީ އަޅުގަނޑު މިހާރު މި ހުރީ އެމްއެންޑީއެފްގެ ކާނަލްގެ ވަޒީފާ އިން އިސްތިއުފާ ދީފައި ކަމާއި އަޅުގަނޑުގެ އިސްތިއުފާ ގަބޫލު ކުރައްވައި ޝަރަފުވެރިކަމާ އެކު ސިފައިންގެ ވަޒީފާ އިން ވަކިވި މީހެއް ކަމަށް ގާނޫނާ އެއްގޮތަށް ކަނޑައަޅުއްވާފައިވާ ވާހަކަ ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންނާ ހިއްސާކޮށްލުމަށް މި ފުރުސަތުގެ ބޭނުން ހިފަމެވެ،" އެ ބަޔާނުގައި ކާނަލް ވިދާޅުވެފައިވެ އެވެ.
ނާޒިމް އިތުރަށް ވިދާޅުވެފައި ވަނީ ހާލަތު ނިޔާ ކުރާ ގޮތުން އެމްއެންޑީއެފް އިން ވަކިވި ނަމަވެސް އެ ވަގުތު ފުރުސަތު އޮތް ގޮތަކަށް ގައުމަށް ހިދުމަތް ކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ގައުމުގެ ތެދުވެރި ދަރިއެއްގެ ގޮތުގައި ދެމި ހުންނަވާނެ ކަމަށް ނާޒިމް ވައުދުވެވަޑައިގެންފައިވެ އެވެ.
ކާނަލް ނާޒިމް ސިފައިންގެ ވަޒީފާ އަށް ވަދެވަޑައިގެންފައި ވަނީ މާޗް 11، 1987 ގަ އެވެ. ނަމަވެސް، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ މައުލޫމާތު ހާމަކުރެއްވި ކަމުގެ ތުހުމަތުގައި މެއި 25، 2009 ގައި ނާޒިމް ވަޒީފާ އިން ވަކިކުރި އިރު ރައީސުލްޖުމްހޫރިއްޔާގެ މެޑަލާއި އިހްލާސްތެރި ހިދުމަތުގެ ކުލަ އާއި މެޑަލް އަދި ސިފައިންގެ މެޑަލް ލިބިފައިވެ އެވެ. މީގެ އިތުރުން އަހްލާގީ މެޑަލް ވެސް ނާޒިމަށް ލިބިވަޑައިގެންފައިވެ އެވެ.
-------------------

ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ މައުލޫމާތު ހާމަކުރެއްވި ކަމުގެ ތުހުމަތުގައި ސިފައިންގެ ވަޒީފާ އިން ވަކި ކުރެއްވި ކާނަލް މުހައްމަދު ނާޒިމަށް އަލުން އަނބުރާ ވަޒީފާ ހަމަޖައްސައިދިންތާ ދެ ހަފްތާ ނުވަނީސް އޭނާ އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ކާނަލް ނާޒިމް މިއަދު ނެރެއްވި ބަޔާނެއްގައި ބުނަނީ، ކާނަލްގެ ވަޒީފާއިން އިސްތިއުފާދެއްވީ "ދިވެހި ގައުމަށް ހިދުމަތްކުރެއްވުމަށް އެމްއެންޑީއެފްގައި ދެމި ހުރުމުގައި ދަތިތަކެއް ހުރި ކަމަށް" އޭނާ އަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. އަދި އޭނާގެ "އިސްތިއުފާ ގަބޫލުކުރައްވައި ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވި މީހެއް ކަމަށް ޤާނޫނާ އެއްގޮތަށް ކަނޑައަޅުއްވާފައިވާ" ކަމަށް ވެސް ސިޓީގައި ވެއެވެ.

މާޗް 11، 1987 ވަނަ އަހަރުން ފެެށިގެން އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އޭނާ އެމްއެންޑީއެފް އިން ވަކިކޮށްފައިވަނީ މެއި 25، 2009 ގަ އެވެ. އަދި ވަޒީފާ އަނބުރާ ހޯއްދެވުމަށް ޝަރީއަތަށް މައްސަލަ ހުށަހެޅުއްވުމުން ނާޒިމްގެ ވަޒީފާ އަނބުރާ ހަމަޖައްސައިދެއްވައިފައިވަނީ ޖެނުއަރީ 13، 2011 ގަ އެވެ.

ކާނަލް ނާޒިމަށް އަލުން އަނބުރާ ވަޒީފާ ހަމަޖައްސައިދީފައިވަނީ އޭނާ އާއި ޑިފެންސް މިނިސްޓްރީއާ ދެމެދު ސިވިލް ކޯޓުން ބޭރުގައި ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ޑިފެންސް މިނިސްޓްރީއާއެކު އެކުލަވައިލެވުނު އެއްބަސްވުމެއްގެ ދަށުން ނާޒިމުގެ ވަޒީފާ ރުޖޫއަ ކުރީ އެނާ ދައުވާ ކުރި ގޮތާ އެއްގޮތަށް ވަޒީފާއިން ވަކިކުރި ދުވަސް ކަމަށްވާ މޭ 25، 2009 ން ފެށިގެންނެވެ. ނާޒިމް ޝަރީއަތުގައި އެދިވަޑައިގެންފައި ވަނީ ވަޒީފާ އަނބުރާ ރުޖޫއަ ކުރުމަށާއި ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތަށް ދޭންޖެހޭ މުސާރައާ އިނާޔަތައް ޝަރީއަތުން ނަގައި ދިނުމަށެވެ.