އެކްސެލް އެނާޖީ ޑްރިންކް އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި ރޭ ފިނޭންސް މިނިސްޓްރީއާ ވާދަކޮށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މޮޅުވެއްޖެ އެވެ.

ރޭގެ އެމެޗުން މީރާ މޮޅުވެފައި ވަނީ 22-16 ޕޮއިންޓުންނެވެ. ކްއީން އޮފްދަ މެޗުގެ މަގާމަށް ހޮވިފައިވަނީ މީރާގެ މަރިޔަމް އައްބާސް އެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ފިޝަރީޒް މިނިސްޓްރީއާ ވާދަކޮށް ކަސްޓަމްސް ވަނީ 35-19 ޕޮއިންޓުން މޮޅުވެފައެވެ. އެ މެޗުގެ ކްއީން އޮފްދަ މެޗުގެ މަގާމަަށް ހޮވުނީ ކަސްޓަމްސްގެ އައިމިނަތު ހަލީމެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި މިރޭ ފިނޭން ވާދަކުރާނީ ފިޝަރީސް މިނިސްޓްރީއާ އެވެ. އަދި މީރާއިން ދެން ކުޅޭ މެޗުގައި ބައްދަލު ކުރާނީ ހޮނިހިރު ދުވަހުގެރޭ ކަސްޓަމްސްއާއެވެ. ކަސްޓަމްސް މިރޭ ނުކުންނާނީ އެޓާނީ ޖެނެރަލް އޮފީހާ ދެކޮޅަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ކޮންމެ ގްރޫޕެއްގައި ހަ ޓީމު ހިމެނެއެވެ. ގްރޫޕް އޭގައި ހިމެނެނީ އެމްއެންޑީއެފް، ދިރާގު، ބީއެމްއެލް، ޖެންޑާ މިނިސްޓްރީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގް އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ފިނޭންސް މިނިސްޓްރީއާއި ކަސްޓަމްސްއާއި ހައުސިން ޑިވެލޮޕްމެންޓް (އެޗްޑީސީ) އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާއާއި) އެޓާނީ ޖެނެރަލް އޮފީހާއި ފިޝަރީސް މިނިސްޓްރީ އެވެ.