16 Oct 2014, 12:55
ސަތާރަ މިލިއަނަށް ވުރެ ގިނަ ބެލުންތެރިންނާ އެކު އެމެރިކާގެ ޑްރާމާ ސީރީސް "ދަ ވޯކިންގް ޑެޑް" އެގައުމުގެ ކޭބަލް ޓީވީ އިން އެންމެ ގިނަ މީހުން ބެލި ސީރީސްގެ ރެކޯޑް އަނެއްކާ ހޯދައިފި އެވެ.
ބީބީސީ އިން އަންގާރަ ދުވަހު ބުނި ގޮތުގައި މިދިޔަ އަހަރު ވެސް "ދަ ވޯކިންގް ޑެޑް" ޑްރާމާ އިން ނެރުނު ހަތަރު ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑަށް ލިބުނު 16.1 މިލިއަން ބެލުންތެރިންްގެ ރެކޯޑާ އެކު އެ އަހަރުގައި އެމެރިކާ އިން އެންމެ ގިނަ ބެލުންތެރިން ހޯދި ކޭބަލް ޓީވީ ޑްރާމާގެ ރިކޯޑު ވަނީ ހޯދާފައި ކަމަށެވެ. އަދި މި އަހަރު ނިކުތް ފަސް ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑަށް ލިބުނު 17.3 މިލިއަން ބެލުންތެރިންނާ އެކު އެޑްރާމާ ވަނީ ކުރީގައި ހިފަހައްޓަމުން އައި ރެކޯޑު އަނެއްކާ ވެސް އާކޮށްފަ އެވެ.

އެމެރިކާގެ ޓީވީ ބަލާ މީހުންގެ އަދަދު ބަލަމުން އަންނަ ކުންފުންޏެއް ކަމަށްވާ ނީލްސަން އާއި ހަވާލާދީ ބީބީސީ އިން ބުނީ އެމެރިކާގައި ކުޅިވަރު ޕްރޮގްރާމްތައް ފިޔަވައި އެންމެ ގިނަ ބެލުންތެރިން ހޯދި ޕްރޮގްރާމްއަކަށް "ދަ ވޯކިންގް ޑެޑް" ވާނޭ ކަމަށެވެ. "ދަ ވޯކިންގް ޑެޑް" ވަނީ އެންމެ ފަހުން ނިންމާލި ސީޒަންގެ ފަހު އެޕިސޯޑަށް ވެސް 15.7 މިލިއަން ބެލުންތެރިންނާ އެކު އައު ބެންޗްމާކެއް ގާއިމްކޮށްފަ އެވެ. އޭގެ އިތުރުން، އެމެރިކާގެ ޓިވީ ކްރިޓިކްސް (ފާޑުކިޔުންތެރިން) ވަނީ އެ ޑްރާމާ އަކީ "މިނީ އެކްޝަން މޫވީ" އެކޭ ބުނެ އެޑްރާމާއަށް ތައުރީފުކޮށްފައި ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
ނިއުކްލިއާ ހަނގުރާމައަކަށް ފަހު ދުނިޔެ އޮންނާނެ ގޮތް ދައްކުވައިދޭ އެ ބިރުވެރި ޑްރާމާގައި ލީޑްރޯލެއް އަދާ ކުރަނީ އިނގިރޭސިވިލާތަށް އުފަން އެންޑްރިއު ލިންކަން އެވެ. މިނިމަސްކާ "ޒޮމްބީ"ތަކަކުން ފުރިފައިވާ ދުނިޔެއަކަށް ކޯމާއަކުން ހޭއަރާ އެންޑްރިއު ލިންކަން ނުވަތަ ޑްރާމާގައި ބޭނުންކުރާ ނަމުން ނަމަ ޝެރިފް ރިކް ގްރައިމްސްގެ މައިގަނޑު އަމާޒަކީ އޭނާގެ ގެއްލިފައިވާ އާއިލާ ހޯދުމެވެ. އަދި އެޑްރާމާގައި ދައްކުވައި ދެނީ ޝެރިފް ރިކް ގްރައިމްސް އޭނާގެ އާއިލާ ހޯދުމަށް ކުރާ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި މިނިމަސްމާ ކާ "ޒޮމްބީ"ތަކުން ސަލާމަތްވާން ކުރާ މަސައްކަތްތަކެވެ.

އެމެރިކާގެ އޭއެމްސީ ޗެނަލް އިންނާއި އިނގިރޭސިވިލާތުގެ ފޮކްސް ޓިވީ އިން ދައްކާ "ދަ ވޯކިންގް ޑެޑް" ޑްރާމާގެ އެޕިސޯޑުތައް 125 މާކެޓެއްގައި ވިއްކަމުން އައި ނަމަވެސް އެޑްރާމާގެ އެޕިސޯޑުތައް ގާނޫނާ ޚިލާފަށް އިންޓަނެޓުން ޑައުންލޯޑު ކުރި މީހުންގެ އަދަދު ސައްވީސް ގަޑިއިރު ތެރޭ 1.27 މިލިއަނަށް އަރާފައިވާ ކަމަށް ގާނޫނާއި ޚިލާފަށް އިންޓަނެޓުން ކުރާ ޑައުންލޯޑުތައް ބަލަމުން އަންނަ ފާމްއެއް ކަމަށްވާ އެކްސިޕިއޯ އިން ބުނެފައިވެ އެވެ.