16 Oct 2014, 12:43
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންނަން ހަމަޖެހިފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ މިއަދު ސަން އަށް ވިދާޅުވީ އިއްޔެ ހަވީރު ހިނގި އެކްސިޑެންތްގައި އަނިޔާވި އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު ހާލު ދެރަ ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މާލެ ފޮނުވަން ނިންމީ ބޮލުގެ އެތެރެއަށް ގެއްލުމެއް ވެފައި ހުރިތޯ ބެލުމަށް ސީޓީ ސްކޭނެއް ހަދުމަށް ޑޮކްޓަރުން އަންގާފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަފްސާ ވިދާޅުވީ އަންހެން މީހާގެ ހަށިގަނޑުގެ ބޭރުން ކުދިކުދިން ޒަހަމްތައް ވުން ފިޔަވައި އިތުރު އަނިޔާއެއް ބޭރަށް ފެންނަން ނެތް ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ އުމުރުން 60 އަހަރުގެ އަންހެން މީހާ ސައިކަލުގައި ފޭދޫން ގަމަށް ދުއްވާފައި ދިޔަ މަގުމަތީގައި ކޮންޓްރޯލުން ނައްޓައިގެން ގޮސް ވެއްޓިގެން ކަމަށެވެ.