16 Oct 2014, 12:31
ގްރުއާނާއި ސައިންސްގެ ދާއިރާ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް މަހާސިންތައެއް ބާއްވަން ނިންމައިފި އެވެ.
އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މި މަހުގެ 24 އިން 25 އަށް ބާއްވާ ފޯރަމްއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ކޮންފަރެންސްގެ ސްޕޯކްސް ޕާސަން އަހުމަދު ފިރާސް މިއަދު ވިދާޅުވީ އެފަދަ ކޮންފަރެންސެއް ބޭއްވުމުގެ އަމާޒަކީ 21 ގަރުނުގެ ސައިންސާއި ޓެކްނޮލަޖިގެ އެންމެ ފަހުގެ ހޯދުންތަކާއި ކުރިއެރުންތަކާ މެދު ބަހުސު ކުރުމަށް ކަމަށެވެ. އަދި ކީރީތި ގްރުއާނާއި ސައެންސްގެ އަލީގައި މައުލޫމާތު ބަދަލު ކުރުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކޮންފަރެންސްގައި ވާހަކަ ދައްކަވާނީ ހާރޫން ޔަހްޔާގެ ރިސާޗު ޓީމްގެ ތުރުކީގެ އިސް ދެ މާހިރުން ކަމަށްވާ ޑރ. އަހުމަދު އޮކްތާރު ބަބޫނާއި އަލީ ސައްދޫން ކަމަށް ވެސް އިސްލާމިކް ފައުންޑޭޝަނުން ބުންޏެވެ.
އެ ފައުންޑޭޝަނުން ބުނީ ޑރ. އަހުމަދު އޮކްތާރު ބަބޫނާ އަކީ ދީނީ ނަޒަރަކުން ސައެންސާއި އިވޮލުއުޝަން ދާއިރާ އިން ދިރާސާ ކުރައްވާ ތަޖުރިބާކާރު ނިއުރޯ ސާޖަންއެއް ކަމަށެވެ. އަދި އިކޮނޮމިކްސް އާއި ސޯޝަލް ޕޮލިޓިކްސް ދާއިރާ އިން ތައުލީމް ހާސިލު ކުރައްވާފައިވާ އަލީ ސައްދޫން އެންގިން އަކީ ޑާވިނިސްޓް ފިކުރުގެ ފަރާތްތަކުގެ ސުވާލުތަކަށް ގްރުއާނާއި ސައެންސްގެ ދާއިރާ އިން ޖަވާބުދެއްވާ މައުލޫމާތު ދެއްވުމުގައި ހަރަކާތްތެރިވާ ބޭފުޅެއް ކަމަށެވެ.
ދެ ދުވަހަށް ދެމިގެންދާ އެ ކޮންފަރެންސްގައި ވާހަކަ ދައްކަން ހަމަޖެހިފައިވާ މައުޟޫތަކަކީ ޤުރުއާނުގައިވާ އިލްމީ މުއުޖިޒާތްތަކާއި ޤުރުއާނުން އިލްމީ ހޯދުންތަކަށް މަގުފަހިކޮށްދިނުމާއި ސައިންސާއި އިވޮލުއުޝަންގެ ނަޒަރިއްޔާތުގެ އިތުރުން ޤުރުއާނުން ޑާވިނިޒަމް ދޮގު ކުރުމުގެ މައްޗަށެވެ. އަދި ކާއިނާތު ހަލްގު ކުރެއްވުމުގެ ހަގީގަތްތަކާއި ކާއިނާތު ހަލްގު ކުރެއްވުމުގެ މައްޗަށް ވެސް ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައި އެވެ.
ނެޝެނަލް އާޓް ގެލަރީގައި ބާއްވާ ކޮންފަރެންސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އިސްލާމިކް ފައުންޑޭޝަނާ ގުޅުމަށް އެ ފައުންޑޭޝަނުން އެދެ އެވެ. އެ ފައުންޑޭޝަނުން ބުނީ އެ ބޭފުޅުން އަދި އަމާޒުކޮށްފައި ވަނީ 80 ނުވަތަ 100 ޖާގައަށް ކަމަށެވެ. ނަމަވެސް ރަޖިސްޓްރީ ކުރާ ފަރާތްތައް އިތުރުވާ ނަމަ ޖާގަ އިތުރު ކުރާނެ ކަމަށެވެ.