އަންނަ މަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނަގާ ރޭޓް 12 ޕަސެންޓަށް ބަދަލުވި ނަމަވެސް އެތެރޭގެ އުދުހުންތަކުގައި ދިވެހީންގެ އަތުން ނަގާނީ މިހާރު ވެސް ނަގާ ހަ ޕަސެންޓްގެ ޖީއެސްޓީ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަދީބް ވިދާޅުވީ، ޓީޖީއެސްޓީ ބޮޑުވިނަމަވެސް އެތެރޭގެ އުދުހުންތަކުގައި އާންމުންގެ އަތުން ނަގާނީ މިހާރު ވެސް ނަގަމުންދާ މިންވަރަށް ކަމަށެވެ.

"ޓީޖީއެސްޓީ މިދަނީ 12 ޕަސެންޓަށް ބޮޑުވާން، އެތެރޭގެ އުދުހުންތަކުގައި 12 ޕަސެންޓަށް ޓީޖީއެސްޓީ ބޮޑުވި ނަމަވެސް އާންމު ފަރުދުންގެ އަތުން ހަމަ ނަގާނީ ޖެނެރަލް ޖީއެސްޓީ،" މިނިސްޓަރު އަދީބް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގު ހެޔޮކުރެވޭނެ ގޮތެއް ދަނީ ބަލަމުން ކަމަށާއި އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ވެސް ޖެޓް ފިއުލްގެ އަގުތައް ކުޑަކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެސްޓީއޯ އަށް ބައެއް ކަންކަން ބަދަލުކުރުމަށް އިކޮނޮމިކް ކައުންސިލްގެ ފަރާތުން އަންގާފައިވާނެ ކަމަށް މިނިސްޓަރު އަދީބް ވިދާޅުވި އެވެ.

ޖަޕާން ކުންފުންޏަކާ ޓާމިނަލުގެ މަސައްކަތް ހަވާލުކުރާ އިރު އިތުރު ރަންވޭއެއް އެޅުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި އަދި މިހާރު އޮތް ރަންވޭގެ ފެންވަރު ވެސް ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު އަދީބް ވިދާޅުވި އެވެ.

ބްރިޖް ޕްރޮޖެކްޓްގެ އަޕްޑޭޓަކާ ގުޅޭ ގޮތުން ސަން އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޗައިނާގެ ރައީސް ރާއްޖެ ވަޑައިގެން ބޮޑު ވައުދެއްވެވަޑައިގެންފައިވާ ކަމަށައި އެއީ އެ މަޝްރޫއޫ ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ވައުދު ކަމަށެވެ. އެގޮތުން މިހާރު ކުރަމުންދާ މަސައްކަތަކީ ދިރާސާ ކުރުމަށް ޓެކްނިކަލް ޓީމެއް އެކުލަވައިލުމުގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.